Article Image

ރައީސް ވިދާޅުވި ފަދައިން ދުނިޔޭގެ އެންމެބޮޑު އެއް ޑްރެޖަރުން ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޔަޤީންކަން ދެއްވި ފަދައިން ދުނިޔޭގެ އެންމެބޮޑު އެއް ޑްރެޖަރު ރަސްމާލެ ގެނެސް ހިއްކުން 3 ގުނަ އަވަސްކޮށްފިއެވެ.

ދާދިފަހުން ރައީސް މުޢިއްޒު ވިދާޅުވީ ޑިސެމްބަރު މަހު ރަސްމާލެ ހިއްކުން 3 ގުނަ ސްޕީޑް އަވަސްކުރާނެ ކަމަށެވެ. ރައީސް އިޢުލާނު ކުރެއްވި ފަދައިން މިއަދު ވަނީ އެމަސައްކަތް ފެށި ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަން ފަށާފައެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ ރައީސް މުޢިއްޒު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން "ޓްރެއިލާ ސަކްޝަން ހޮޕާ"ގެ އެއް ޑްރެޖަރު ކަމަށްވާ "ކްރިސްޓަބެލް ކޮލޯން" ކިޔާ އެ ޑްރެޖަރު ރާއްޖެ ގެނެސް ބިން ހިއްކުމުގެ މަސައްކަތް ތިން ގުނަކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ޑްރެޖަރު ރާއްޖެ އައިސް އިއްޔެގެ ވަގުތެއްގައި ރަސްމާލެ ސަރަހައްދުގައި މޮބިލައިޒްކޮށްފައިވާ ކަމަށެވެ. އަދި ރޭގެ ފަތިހުގެ ވަގުތެއްގައި ވެލި ނަގަން ފަށައި، މިއަދު މެންދުރެއްހާއިރު، ވެލި އަޅަން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

(ޑްރެޖަރު) މޮބިލައިޒް ކުރީ 30 ނޮވެމްބަރުގައި. ވެލި ނަގަން ފެށީ ރޭގެ ފަތިހު. މިއަދު 11:41 ގައި ވެލި އަޅަން ފަށައިފި: ރައީސް

ރައީސްގެ ވާހަކަފުޅުގައި ރަސްމާލެއަކީ %100 ނެޓް ޒީރޯ ކާބަން، ސްމާޓް އިކޯ ސިޓީއެކެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.