Article Image

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު މައުލޫމާތު ދެއްވާ "ނޭޝަން ޗެޓް" ޕްރޮގްރާމް މިރޭ

ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް އެންމެފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުގެ މީޑިއާއިން "ނޭޝަން ޗެޓް" ގެ ނަމުގައި އަލަށް ފަށާ ޕްރޮގްރާމް މިރޭ ދެއްކުމަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ އެޕިސޯޑް މިރޭ 21:00 ގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމްގައި ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދެއްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ސަރުކާރުގެ މަސައްކަތްތަކާއި ސިޔާސަތުތަކާ ގުޅޭ އެންމެފަހުގެ ތަފުސީލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުންކަން ފާހަގަކޮށްލެވެއެވެ.

މިރޭގެ އެޕިސޯޑުގައި ރާއްޖޭގެ ސިޔާސީ މަޝްރަހާއި، ގައުމުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ސިއްހީ ދާއިރާ އާއި އިޖުތިމާއީ އެކި މައްސަލަތަކާ ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވަތަނީ ހިދުމަތާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވެސް މި ޕްރޮގްރާމުގެ ތެރެއިން އެމަނިކުފާނު ހިއްސާކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ސަރުކާރުގެ ދެފުށް ފެންނަ މިންވަރު އިތުރުކުރެއްވުމަށާއި، ރައްޔިތުންނަށް މައުލޫމާތުތައް ފޯރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވުމާއި ސަރުކާރުން ހާމަކުރަން ބޭނުންވާ މުހިންމު ކަންކަން ހިއްސާކުރެއްވުމަކީ އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ.