
އުރުދުންގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އުރުދުންގެ މިނިވަންދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު ޢަބްދުالله (ދެވަނަ) އިބްނު އަލް ޙުސައިނަށާއި، ބޮޑުވަޒީރު އަދި މިނިސްޓަރ އޮފް ޑިފެންސް، ޑރ. ޖައުފަރު ޙަސަނަށް، ތަހުނިޔާ ފޮނުއްވައިފިއެވެ.
އުރުދުންގެ ރަސްގެފާނަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، އެ ގައުމުގެ މިނިވަންދުވަހުގެ ތަހުނިޔާ، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، އިހްލާސްތެރިކަމާއެކު އުރުދުންގެ ސަރުކާރާއި ރައްޔިތުންނަށް ފޮނުއްވާފައިވެއެވެ. އެމަނިކުފާނުގެ މެސެޖުގައި، ދެ ގައުމުގެ މެދުގައި އޮތް އަހްވަންތަކަމުގެ ގުޅުން ފާހަގަކުރައްވައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ.
ބޮޑުވަޒީރު ޑރ. ޖައުފަރު ޙަސަނަށް ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ދުވަހުގެ ތަހުނިޔާ، ދަންނަވާފައިވެއެވެ. އަދި، ދެ ގައުމުގެ މެދުގައި އޮތް އަހްވަންތަކަމުގެ ގުޅުމަކީ އެއްބަސްވެވޭ އުސޫލުތަކާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތެއްގައި މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސްގެ ސިޓީފުޅުތައް ނިންމަވާލައްވާފައި ވަނީ އުރުދުންގެ ރަސްގެފާނާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި ދުޅަހެޔޮ ކަމަށް އެދިވަޑައިގެން، އެ ގައުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތި ކަމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެ އިތުރުން ރައީސް ވަނީ މީސް މީޑިއާގައި ވެސް ތަހުނިޔާގެ މެސެޖެއް ހިއްސާ ކުރައްވައިފައެވެ. އެ މެސެޖުގައި، ދެ ގައުމުގެ ގުޅުމަކީ ދީނާ، އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ދެމިގެންދާ ގުޅުމެއްކަން ފާހަގަކުރައްވައި، މަޝްވަރާއާއި އެހީތެރިކަމުގެ ތެރެއިން މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކޮންމެ އަހަރަކު ވެސް މެއި މަހުގެ 25 ވަނަ ދުވަސް، އުރުދުންގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1946 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އިނގިރޭސިންގެ ހިމާޔަތުން އެ ގައުމަށް މިނިވަންކަން ލިބުނު ދުވަހާ ގުޅުވައިގެންނެވެ.