
އޮޅުވާ ނުލައްވާ: ރައީސްގެ ސްޓޭންޑަކަށް ބަދަލެއްނާދޭ، ހަރުދަނާކުރީ ސިޔާސަތު!
މިދުވަސްވަރު އެންމެ އަޑުހަރުކޮށް ދެކެވެމުންދާ ވާހަކައަކީ 500 ޑޮލަރު މާރުކުރުމުގެ ވާހަކައެވެ. ސިޔާސީ ފަރާތްތަކުން ސިޔާސީ ބޭނުމަށް އެކިގޮތްތަށް ރައްޔިތުންނަށް މަޢުލޫމާތު އޮޅުވާލުމަށް މިވާހަކަ ފަތުރަމުންދަނީ ކަމުގެ ޙަޤީޤަތްވެސް އޮޅުންނުފިލުވާކަން ފާހަގަޮށްލެވެއެވެ.
މިދައްކަނީ ކޮން 500 ޑޮލަރެއްގެ ވާހަކައެއް؟
ދިވެހިރާއްޖެއަކީ އުފެއްދުންތެރި ޤައުމަކަށްނުވާއިރު، ރާއްޖޭގެ އިޤްތިޞާދީ މައިނާރަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގެ ސިނާޢަތަކީ 4.5 ބިލިއަން ޑޮލަރުގެ ސިނާޢަތަކަށް ވާއިރު ބޭންކުތަކަށް މިހާރު މާރުކުރަމުން ދަނީ އޭގެ އެންމެ ތިން އިންސައްތައެވެ. ކޮވިޑް19ގެ ޙާލަތުގެ ކުރިން އެ އަދަދު ހުރީ 6 އިންސައްތައިގައެވެ. ހުރިހާ ދާއިރާތަކަށް ބަލާއިރު ކޮވިޑް19ގެ ޙާލަތު އައުމުގެ ކުރިން ބޭންކުތަކަށް މާރުކުރަމުން ދިޔައީ 19 އިންސައްތައެވެ. ނަމަވެސް، މިހާރު އެ އަދަދު ވަނީ 10 އިންސައްތައަށް ވެއްޓިފައެވެ.
އެހެންކަމުން ޑޮލަރުގެ މައްސަލަ ހައްލުކޮށް ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިމިވާ ފުން އަނދަވަޅުން ސަލާމަތް ކުރުމަށްޓަކާ ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް ވަކި އަދަދެއްގެ ޑޮލަރު މާރުކުރަންޖެހޭ ގޮތަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ޤަވާއިދެއް އެކުލަވާލިއެވެ. އެ ޤަވާއިދު ހެދީ އެ އަދަދުތައް އިތުރުކޮށް، ސަރުކާރުން ޑޮލަރުން ކުރަންޖެހޭ ޚަރަދާއި ދަރަނި ދެއްކުމަށް ބޭނުންވާ ރިޒާވް ބޮޑުކުރުމުގެ ނިޔަތުގައެވެ.
އެގޮތުން އެމްއެމްއޭ އިން އާންމުކުރި ޤަވާއިދުގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ހޮޓާތަކާއިި އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ. މި ޤަވާއިދު އާންމުކުރުމާއެކު ބައެއް މަހުޖަނުންނާއި، ސަރުކާރާ އިދިކޮޅު ފަރާތްތަކުން މުޅި ޤައުމުގައި ފިތުނަ އުފައްދާ މިކަންކުރިޔަ ނުދިނުމަށް ފޫގަޅާލިއެވެ. އެހެންނަމަވެސް އިޤްތިޞާދީ މާހިރުން ލަފާކުރާ ގޮތުގައި މިއީ ރާއްޖެފަދަ ފަތުރުވެރިކަމުގެ މައި ހަބެއްގެ ގޮތުގައި އޮތް ޤައުމަކުން އަޅަންޖެހޭ މުހިންމު ފިޔަވަޅެއްގޮތުގައި ފާހަގަކުރިއެވެ.
ޑޮލަރު މާރުކުރުމުން ވިޔަފާރިވެރިންގެ އާމްދަނީން ބައެއް މަދުވޭތަ؟
ޑޮލަރު މާރުކުރުމުގެ ޤަވާއިދު އެކުލަވާލާ ސަރުކާރުން މިބުނީ ޑޮލަރުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ދިވެހިރާއްޖޭގެ ބޭންކްތަކަށް މާރުކުރުމަށެވެ. އެއްގޮތަކަށްވެސް އެއްވެސް ވިޔަފާރިއެއްގެ އާމްދަނީން ބައެއް ސަރުކާރަށް ދޭކަށް ނޫނެވެ. މިއީވެސް ވަރަށް ގިނަ ބަޔަކަށް މި މަޢުޟޫއުއިން އޮޅިފައިވާ މަޢުލޫމާތެކެވެ. އަދި މިކަމާ ބައެއް ފަރާތްތަކުން ދެކޮޅުވަނީ ކީއްވެތޯ އާއި، ޑޮލަރުން ބޮޑެތި އާމްދަނީ ހޯދާ ބައެއް މަހުޖަނުން މިކަމާ ދެކޮޅުވަނީ ޑޮލަރުގެ ކަޅުބާޒާރުން ލިބޭ ނަފާ ހުއްޓިދާނެތީތޯ ގިނަބަޔަކު ސުވާލުއުފައްދައެވެ.
ޑޮލަރުގެ ކަޅުބާޒާރު
ދެން އޮތީ ޑޮލަރުގެ ކަޅުބާޒާރުގެ ވާހަކައެވެ. ޑޮލަރުގެ ކަޅުބާޒާރަކީ އެތައް ބިލިއަން ރުފިޔާގެ ނަފާނެރެވޭ ވިޔަފާރިއަކަށް ވާއިރު އެކަން ކުރަމުންދާބަޔަކު އެކަން ހުއްޓާލަން ބޭނުން ނުވާނެކަން ކަށަވަރެވެ. ބޭންކު ރޭޓަކީ ޑޮލަރަކަށް 15.42 ރުފިޔާ ކަމަށްވާއިރު މިރޭޓުގައި ބޭންކަށް މާރުނުކޮށް އާންމު ރައްޔިތުންނަށް 19 ރުފިޔާއަށް ޑޮލަރު ވިއްކުން މިއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ އަތުލާ ރައްޔިތުން ނިކަމެތިކުރުން ނޫންބާއެވެ. ޑޮލަރުގެ ކަޅުބާޒާރު އުފަައްދައިގެން މިއުޅޭ ފަރާތްތަކުން އެކަން ހުއްޓިދާނެތީ ޑޮލަރު މާރުކުރަން ދެކޮޅު ހަދަނީ ރައްޔިތުންނަށް ހެޔޮއެދިގެންނޫންކަން ވަރަށް ސާފެވެ. ސަރުކާރުން ހުއްޓުވަން މިއުޅެނީ މިފަދަ ޖަރީމާތަކެވެ.
މިހާރުވެސް ރާއްޖެއިން ބޭރުން ފުރާ ކޮންމެ ރައްޔިތަކަށް ބޭންކުރޭޓުން 500 ޑޮލަރު ލިބެމުންދާއިރު، ގިނަބަޔަކަށް ހީވެފައި އޮންނަނީ މިއީ ބޭންކުން ދޭ އެއްޗެއްގޮތުގައެވެ. އެހެންނަމަވެސް މިއީ އެމްއެމްއޭގެ ރިޒާވުން ދެމުންދާއެއްޗެކެވެ. ބީއެމްއެލްއިން ދޭ އެއްޗެއް ނޫނެވެ. މީގެއިތުރުން އިޤްތިޞާދީ އިސްލާހީ ފިޔަވަޅުތަކާއެކު ބޭރުގައި ކިޔަވާ ދަރިވަރުންގެ ކްރެޑިޓް ކާޑު ލިމިޓް 1400 ޑޮލަރަށް، އަދި ފުރާ ދިވެހީންނަށް 1000 ޑޮލަރުދެވިދާނެ ކަމުގެ އުންމީދު ރައީސް ޑރ މުޢިއްޒު ވަނީ ދެއްވާފައެވެ.
އަލަށް އެކުލަވާލި ޤަވާއިދުގެ ސަބަބުން މިބުނާ ކަޅުބާޒާރުގެ މައްސަލައަށް ބޮޑު ލުޔެއް ލިބި، އާންމު ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ފަސޭހަވެގެންދާނެއެވެ.
ޑޮލަރު މާރުކުރުމުގެ ޤަވާއިދު ބަދަލެއްނުކުރޭ
ޑޮލަރު މާރުކުރުމުގެ ޤަވާއިދުގެ ވާހަކަތަކާއެކު ސަރުކާރާ ދެކޮޅަށް އެތައް މަސައްކަތްތަކެއް އިދިކޮޅު ފަރާތްތަކުން ފަށައިގަތެވެ. މިކަމުގައި ޤަވާއިދާ ދެކޮޅުހަދަމުންދިޔަ ބައެއް ފަރާތްތަކުން އެއްބައިވެގެން ސަރުކާރަށް ގޮންޖަހާލާ އެކަން ނުކުރާނެ ކަމަށްބުނަންފެށިއެވެ. އެހެންނަމަވެސް މިސަރުކާރަށް 1 އަހަރު ފުރުމާގުޅިގެން 17 ނޮވެމްބަރ 2024 ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ހަރުއަޑުން ވިދާޅުވީ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ޤަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި އެ ޤަވާއިދަށް ޢަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ.
ޑޮލަރު މާރުކުރުމާއި ޖަމާކުރުން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށް ޤާނޫނެއް
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ޤަވާއިދު ޤާނޫނަކުން އިތުރަށް ވަރުގަދަ ކުރުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިވަނީ ސްޓޭކްހޯލްޑަރުންގެ ޚިޔާލަށް ހުޅުވާލައިފައެވެ.
އެމްއެމްއޭ އިން އާންމުކުރި ބިލްގައިވާ ގޮތުން، ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ފަތުރުވެރިކަމުގެ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓުތަކާއި ޕްރައިވެޓް އައިލެންޑްތަކާއި ރިސޯޓު ހޮޓާ ފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާއަށް މާރު ކުރަން ވާނެއެވެ. އަދި ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ޖަމާކޮށް ރުފިޔާ އަށް މާރު ކުރަން ވާނެ ކަމަށް އެ ޤަވާއިދުގައިވެއެވެ.
މިހާލަތުގައި އިސްތިސްނާވާ ފަރާތްތަކެއް ބިލްގައި ކަނޑައަޅާފައިވޭ. އެއީ:
1- ގިނަވެގެން 24 ގަޑިއިރު ހޭދަކޮށްފައި ނުވާ ޓޫރިސްޓުން2- އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން3- ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް ތިބޭ މީހުން
މި އިސްލާޙާއެކު އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ފިތުނަވެރި ވާހަކަތަކާއެއްކު މުޅި މައުޟޫޢު އޮޅުވާލުމުގެ މަސައްކަތް ފެށިއެވެ. ޤަވާއިދުގައި ވާއެއްޗެއް ނުވާއެއްޗެއް ނުބަލައެވެ. ރައީސް ޤަވާއިދު ބަދަލު ނުކުރައްވަން ވިދާޅުވެފަ ބަދަލުކުރިކަމަށްބުންޏެވެ. އުނބަށްޖެހީ ކަމަށް ބުންޏެވެ. އެކަމަކު ކަންވީ ކިހިނެއްތޯ ބަލާލިއިރު އިދިކޮޅު ފަރާތްތަކުން އެމްއެމްއޭގެ ޤަވާއިދު ހަރުދަނާކުރުމަށް އެކުލަވާލި ބިލްގެ ޑްރާފްޓް ރަނގަޅަށް ވިދާޅުވިހެން ހިއެއްނުވެއެވެ. ވިދާޅުނުވަނީކަމެއް، ސިކުނޑީގެ ބަދަލުގައި މީދާކޭ އުނބެއް އިނީމަ ނުވިސްނުނީކަމެއް ނޭނގެއެވެ.
ރައީސްގެ ސްޓޭންޑް ބަދަލެއްނުވޭ، 500 ޑޮލަރު މާރުކުރަންޖެހޭ
ރައީސް ވިދާޅުވީ 17 ނޮވެމްބަރ 2024 ގައި އެމަނިކުފާނު ވިދާޅުވިފަދައިން ޤަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއްކަމަށެވެ.
500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއި ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަށްޓަކައި އެމްއެމްއޭއަށް ޝުކުރުދަންނަވަން. އަދި 17 ނޮވެމްބަރ 2024 ގައި އަޅުގަނޑު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ. އަދި މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ: ރައީސް ޑރ .މުޢިއްޒު
ރައީސް ފާހަގަކުރެއްވި ހެޔޮ ބަދަލުތައް:
1. ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުން (2025 ޖުލައި މަހުން ފެށިގެން)
2. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް ހެދުން (2026 ގެ ފުރަތަމަ ކުއާޓަރ)
3. ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުން (2026 ގެ ފުރަތަމަ ކުއާޓަރ)
4. ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުން (2025 ޖުލައި މަހުން ފެށިގެން )
އެމްއެމްއޭގެ ގަވަރުނަރުގެ ބަސް
ފޮރިން އެކްސްޗޭންޗު ނުވަތަ ބޭރުފައިސާއާ ގުޅޭ އާ ބިލުގެ މަޤްސަދަކީ ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ހެދި ޤަވާއިދާއި ސިޔާސަތުތައް ހަރުދަނާކުރުން ކަމަށާއި ކުރިން ހެދި ޤަވާއިދަށް ބަދަލެއް ގެނެސްފައިނުވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ވިދާޅުވެފައެވެެ.
ބޭންކުތަކެއް ހަގީގަތުގައި ފަންޝަނެއް ނުކުރާނެ، ދިވެހީންނަށް ދޭން ޖެހޭ ހިދުމަތްތަކާއި އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ދޭ ހިދުމަތްތަކާ އަޅުގަނޑުމެންގެ ވިޔަފާރިތަކަށް ބޭނުންކުރާ ހިދުމަތްތަކާއި މިކަން ކުރުމަށް ޓަކައި ހަގީގަތުގައި ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު ނުވަންނަންޏާ އެކަމެއް ނުވާނެ. އެހެންވީމާ މީގައި ދެ ކަމެއް މި އޮންނަނީ. އެއް ކަމަކީ އިންފްލޯ ރަނގަޅު ކުރުން، އަޅުގަނޑުމެން މި މަސައްކަތް ފަށައިގެން ކުރަމުން މިދަނީ އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު މި ހުރި ލެވެލް ކުރިން ހުރި ލެވެލްއަށް މިކަން ގެންދިޔުމަށް ޓަކައި. އެއީ މިވަގުތަށް ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީވެ: ގަވަރުނަރު
ޑޮލަރުގެ މައްސަލައަށް މީގެކުރީގެ އެއްވެސް ސަރުކާރަކުން ދާއިމީ ހައްލެއް ނުހޯދުމަކީ މިހާރު އެކަމަށް ހައްލު ހޯދަން ކުރާ މަސައްކަތަށް ހުރަސް އަޅަންޖެހޭ ސަބަބެއް ކަމަށް ނުހައްދަވާށެވެ. ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަކީ ވަކި ސިޔާސީ ފިކުރަކުން ކުރަންޖެހޭކަމެއްނޫނެވެ. މިކަމުގައި ސިޔާސީ ވިސްނުން އެއްފަރާތްކޮށް ޤައުމީ ވިސްނުމާއިގެން ކުރިއަށްދާންއެބަޖެހެއެވެ. މަންފާވާނީ ދިވެހި ޤައުމާއި ދިވެހި ރައްޔިތުންނަށެވެ. ވެރިކަން ކުރަންވާނީ ރައްޔިތުންގެ ފަޅީގައިތިބެގެނެވެ.