Article Image

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތްދޭ ސެންޓަރުތަކެއް ޤާއިމުކުރުމަށް ރައީސް ނިންމަވައިފި

ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ދިނުމަށް މާލޭގެ 6 އަވަށާއި އަތޮޅު ތެރޭގައި ސެންޓަރުތައް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އިއްޔެގެ ބައްދަލުކުރެއްވުމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ރަނގަޅު ފެންވަރުގައި ޕްރައިމަރީ ހެލްތު ކެއަރ އަދި ޖެނެރަލް ޕްރެކްޓިޝަނަރގެ ޚިދުމަތް ތަޢާރަފުކުރުމަށްޓަކައި، މިއަހަރު ނިމުމުގެ ކުރިން އެކަން ތަންފީޒުކުރައްވަން ފެއްޓެވުމަށެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އާއި، މިނިސްޓްރީ އޮފް ހެލްތު އަދި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން މަޝްވަރާކުރައްވައިގެން މި ސިސްޓަމުގެ ތެރެއިން ޞިއްޙީ ޚިދުމަތުގެ އިސްރާފުތައް ކުޑަކުރެވިގެންދާނޭގޮތަކަށް މި މަސައްކަތް ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައިސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މާލެ ސަރަޙައްދާއި ރީޖަނަލް، ސިޓީތަކުގައި ސެންޓަރުތައް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހަމަޖެއްސެވުމަށާއި، މި ސެންޓަރުތައް ޤާއިމުކުރުމުގައި، ރައްޔިތުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުން، ސްޕެޝަލިސްޓުންނަށް ދެއްކުމަށް ނަގާ މުއްދަތު ވިހާވެސް އަވަހަށް މާލެ ސަރަޙައްދުގައި ޤާއިމުކުރުމަށްޓަކައި، މިހާރު ޖާގަ ލިބެން ހުރި އިމާރާތްތައް ބައްލަވައި މި މަސައްކަތް އަވަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޤައުމުގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަށްޓަކައި މި ސަރުކާރުން އަންނަނީ އަވަސް އަދި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އަދި މުޅި ޞިއްޙީ ދާއިރާ ޖުމްލަގޮތެއްގައި ތަރައްޤީކުރުމަށް މީހާރުވެސް ވަރަށް ގިނަ ކަންކަން މި ސަރުކާރުން ވަނީ ކުރައްވައިފައެވެ. އެގޮތުން ދާދި ފަހުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އަދި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވައިފައެވެ.