ރަސްދޫގެ ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތަކާ ބައްދަލުކުރައްވައިފިއެވެ.
ރަސްދޫ އަތޮޅު ގޭގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ވަނީ ރަސްދޫއާ ކައިރީގައި އޮތް ފިނޮޅު ގިރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ހަމާއެއާއެކު އީ.އައި.އޭ ހައްދަވައިގެން ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް މި ސަރަޙައްދު ނެތިދިއުމުން ހިމާޔަތްކޮށްދެއްވުމަށް އެބޭފުޅުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުންވެސް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާކަންކަން ފާހަގަކުރައްވައި މި ރަށުގެ އިޤްތިޞާދު ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ކަންކަން އެ ބޭފުޅުން ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ޑޮލަރު އޭޓީއެމްގެ ޚިދުމަތް ބޭނުންވާކަންވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަސްދޫގެ ގެސްޓް ހައުސް ހިންގަވާ ފަރާތްތައް ފާހަގަކުރެއްވި ކަންކަން ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންކަން ބައްލަވާނެކަމަށެވެ. އަދި ފިނޮޅު ނެތިދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް އެކަން ކުރެވޭނެ ގޮތް ބައްލަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.