Article Image

ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށްވާނީ އިސްލާމްދީނާ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަން: ރައީސް

ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށްވާނީ އިސްލާމްދީނާ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަން ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން މިއަދު މަޖްލީހުގއި އިއްވަމުންނެވެ.

އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެންގެ މި ދިވެހި އުންމަތުގެ ޙާލާއި، މުސްތަޤްބަލް ކަނޑައެޅުމުގައި އެންމެ މުހިންމު ދެ އަސާސަކަށް އަބަދުވެސް ވާނީ މާތްވެގެންވާ އިސްލާމްދީނާ، ދިވެހީންގެ އަމިއްލަވަންތަކަމާ މިނިވަންކަން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާއި އެމަނިކުފާނު ޙަވާލުވެ ވަޑައިގެންނެވިއިރު، ދިވެހި ލޮބުވެތި ރައްޔިތުންނަށް ވެލެއްވި އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، ރައީސް މުޢިއްޒުގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން ދިވެހި ޤައުމުގެ އެންމެ މަތީ ވަލީއާ ޙަވާލުވުމާއެކު، މި މުހިންމު ޤައުމީ މަސައްކަތް ފެށިގެން ދިޔަމަށާއި، ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ ކަމަށާއި، ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ވާނީ ރަސްމީ ހަމަތަކުގެ މަތީން ވަނީ ދަންނަވާފައި ކަމަށާއި، ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް އަޅުގަނޑުމެން މިތިބީ ދޫދޭގޮތަކަށް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.