އއ. މަތިވެރީގައި އެއަރޕޯޓު އަޅުއްވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ މަތިވެރި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މަތިވެރި ކައުންސިލުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މަތިވެރި ސްކޫލުގެ މަޝްރޫޢުއަށް ބަދަލުގެންނަން ބޭނުންވާކަން ފާހަގަކުރައްވައި އެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާކަމަށާއި ބިން ހިއްކުމުގެ މަޝްރޫޢު އަވަހަށް ފަށްޓަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައި ހުރި ކަންބޮޑުންތައް ތަފްޞީލީ ގޮތެއްގައި ހިއްސާކުރެއްވިއެވެ. އަދި ރަށުގައި އެއަރޕޯޓު އަޅުއްވައިދެއްވުމަށް އެދިވަޑައިގެން އެ މަޝްރޫޢު ކުރިއަށްގެންދާއިރު ފަތުރުވެރިކަމަށްވެސް އެންމެ އެކަށީގެންވާ ގޮތެއްގައި އެކަން ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މަތިވެރީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢޫލޫމާތުތައް ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރީގައި އެއަރޕޯޓު އަޅުއްވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލާ ގުޅިގެން މި މަޝްރޫޢު ޑިޒައިން ކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވިކަންކަން ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.