ރައީސްގެ ވަޢުދާއި އެއްގޮތަށް މަސްވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުތެރޭ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސައިފި
ރައީސް ޑރ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މާދަމާއިން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ކ.ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުމަށްޓަކައި އިއްޔެ، ފިނޭންސް މިނިސްޓްރީ، މިފްކޯ އަދި ބޭންކް އޮފް މޯލްޑިވްސް އާއެކު އެރޭންޖްމެންޓެއް ހަދާފައިވާނެކަމަށެވެ.
މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންކަން އެ އޮތީ ހަމަޖައްސައިދީފައި. އިރާދުކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑު ވީ ވައުދު ފުއްދެމުން ދާނެ. ބީއެމްއެލްގެ އެކައުންޓް އޮތް މަސް ދޯންޏަކަށް ވިއްޔާ: ރައީސް
މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ދޭނެކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިހާރު އެކަމުން އަރައިގަނެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވަނީ މިއަދާ ހަމައަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު މަސްވެރިންނަށް ޖަމާކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މިވަގުތު ބީއެމްއެލްގެ އެކައުންޓު ހުރި ފަރާތްތަކަށް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކޮށްދެވެން އޮތް ނަމަވެސް ކުރިޔަށް އޮތްތަނުގައި، ވީއެންމެ އަވަހަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކައުންޓް ހުރި ފަރާތްތަކަށް އެހެން ގޮތެއް ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.