ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި: ރައީސް
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިންމާފައި ވާކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ ދިވެހި ރައްޔިތުންގެ މުހުތާދުތައް ފުއްދައިދިނުމަށް މަސައްކަތްކުރާ، ރައްޔިތުންނަށް ހޭހަންކުރާ އޯގާވެރި ސަރުކާރެއް ޤާއިމުކޮށްދިނުމަކީ އަމާޒެއް ކަމަށާއި، ސަރުކާރުން ޚާއްޞަ އިސްކަމަކާ ސަމާލުކަމެއް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާ، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މި ދައުރުގައި ދޭނެ ކަމަށެވެ. އަދި ކުޑަކުދީންނާ، ދުވަސްވީ މީހުންނަށް ލޯތްބާ ކުލުނާއެކު ސަރުކާރުން ޚިދުމަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
މިގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައި ދިނުމަށްޓަކައި "އުފާވެހި" ނަމުގައި ޕްރޮގްރާމެއް އެކުލަވާލައި ތަންފީޒުކުރަން ވަނީ ފަށާފައި ކަމަށާއި، ތަފާތުއެކި ނުކުޅެދުންތެރިކަމާ ހުރެ، މުޖްތަމަޢުގެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ ދަފްރަތެއް މިއަހަރު އެކުލަވައިލުމުގެ މަސައްކަތްވަނީ ފެށިފައި ކަން ރައީސް ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށްވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމަޢެއް، މާޙައުލެއް، އިރާދަކުރެއްވިއްޔާ މި ރާއްޖޭގައި އުފެއްދޭނެ. އެފަދަ ފަރާތްތަކަށް ފަރުވާދީ އެހީތެރިވަމުންދާނެ ކޮމިޔުނިޓީ ތެރަޕިސްޓުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޚިދުމަތަށް ނެރޭނަން: ރައީސް މުޢިއްޒު
މީގެ އިތުރުން ނަފްސާނީ އެކި ބަލިތައް ތަޙައްމަލްކުރަމުންދާ މީހުންނަށް އަޅައިލުން އިތުރުކޮށް، ކޮންމެ ވަގުތަކުވެސް ސަރުކާރުގެ އެހީތެރިކަމަށްއެދި އެފަދަ ފަރާތްތަކަށް ގުޅައިލެވޭނެ ހެލްޕްލައިނެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ވިދާޅުވިއެވެ.
އަދި އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިންމާފައި ވާކަން ރައީސް އިޢުލާނުކުރެއްވިއެވެ.
އަލަށް ފެށޭ ސޯޝަލް ހައުސިންގ ސްކީމްތަކުގައި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކުރެވިގެން 500 ހައުސިންގ ޔުނިޓް ހިމެނުމަށް ނިންމާފައި: ރައިސް މުޢިއްޒު
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލްސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު، އެކުލަވާލެވޭ އުސޫލެއްގެތެރެއިން މަގުފަހި ކުރުމަށްޓަކައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ހޯދާއިދިނުމާއި ވަޒީފާ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތްވަނީ ފެށިފައި ކަމަށް ރައީސް ވިދާޅުވިއެވެ.