ހުރާ ބަނދަރު ކުރިއަށްގެންގޮސް ނިންމަދޭނީ ރައްޔިތުން އެދޭ ގޮތަށް: ރައީސް
ހުރާ ބަނދަރު ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަށް ކަމަށާއި އޭގެ އިތުރަށް ދެން އިސްކަންދެއްވާނެ ކަމަކީ ތައުލީމީ ދާއިރާއަށް ކަމަށާއި އަދި ހަމަ ތަޢުލީމީ ދާއިރާއެކޭ އެއްވަރަށް ޞިއްޙީ ދާއިރާއަށްވެސް އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޞިއްޙީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ޞިއްޙީ މަރުކަޒު ތަރައްޤީކޮށް، ސްކޭން ކުރުމާއި އިތުރު ވަޞީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާއި ގުޅިވަޑައިގެން، ރަށުގައި އޭ.ޓީ.އެމް. މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމާއި ހިސާބަށް ގެންދަވާފައިވާކަމަށާއި ހަމަ އެގޮތަށް އެހެން ކަންކަންވެސް ގެންދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށާއި ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، މިއަންނަ 2025 އަދި 2026 ވަނަ އަހަރަކީ އެގޮތަށް ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށް ގެންދަވާނެ ދެ އަހަރުކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިއަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫޢުތައް ޖެހިގެން އަންނަ 2026 ވަނަ އަހަރު ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި ދެ އަހަރު ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިހުރި ވަޢުދުތައް، ޢަމަލީގޮތުން ފުދިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.