Article Image

ސަރުކާރުގެ ވެރިންނަށް ރައީސްގެ ވަރުގަދަ މެސެޖެއް: ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރަންސް ޙަޤީޤީ މާނައިގައި ތަންފީޒު ކުރާނަން!

ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ ސަރުކާރުގެ އެއްވެސް ވެރިއަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިން ޑިރެކްޓަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްގައި ރައީސް މިރޭ ލިޔުއްވި މެސެޖެއްގައި ވިދާޅުވީ، އެއްވެސް ބޭފުޅަކު ޤަވާއިދާ ޚިލާފަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ނުވަތަ ބޭއިންސާފުން ކަމެއް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފި ނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.

ރައީސް މިފަދައިން މެސެޖެއް ލިޔުއްވާފައިމިވަނީ ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ މައްސަލައެއް ހޫނުވެ އެކަމާގުޅިގެން ތުހުމަތު ރައްދުވާ ގިނަ ފަރާތްތަކެއް ސަސްޕެންޑްކޮށް މައްސަލަ ތަޙުޤީޤުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެއްވެސް ބޭފުޅަކު ޤަވާއިދާ ޚިލާފަށް ނުވަތަ އުސޫލާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން: ރައީސް

މީގެއިތުރުން ރައީސް ވަނީ ކޮރަޕްޝަން ޓޮލަރޭޓް ނުކުރައްވާނެކަމަށާއި، ޒީރޯ ޓޮލަރަންސް އޭގެ ޙަޤީޤީ މާނައިގައި ތަންފީޒު ކުރައްވާނެ ކަމަށްވެސް ސަރުކާރުގެ ވެރިންނަށް އަންގަވާފައެވެ.

ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރަންސް ޙަޤީޤީ މާނައިގައި ތަންފީޒު ކުރާނަން: ރައީސް

ރައީސް މުޢިއްޒު މީގެކުރިންވެސް އެކިއެކި ޖަލްސާތަކުގައިވެސް ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ނަމަ ސަރުކާރުން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި މަޤާމުގެ ނާޖާއިޒް ނުފޫޒު ބޭނުންކޮށްގެން އެއްވެސް ކަމެއް ކުރުމަށް ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ މައްސަލައެއް ފާހަގަވެއްޖެނަމަ ސަރުކާރުން އިސްވެ އެމައްސަލައެއް ބަލާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.