Article Image

މަޤާމުތަކަށް މީހުން އައްޔަންކުރަނީ ވައްކަމާ ކޮރަޕްޝަން ހިންގާކަށް ނޫން، އިޚުލާސްތެރިކަމާއެކު މަސައްކަތްކުރަން: ރައީސް

މަޤާމުތަކަށް މީހުން އައްޔަންކުރައްވަނީ ވައްކަން ކުރުމާއި، ކޮރަޕްޝަން ހިންގުމަށް ނޫން ކަމަށާއި އެފަދަ އެއްވެސް ކަމަކަށް ފުރުޞަތެއް ނުދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޤާނޫނާއި ޤަވާއިދާ ޚިލާފު އެއްވެސްކަމެއް ސަރުކާރު ތެރެއިން ހިނގަން ބޭނުންފުޅުވެވަޑައި ނުގަންނަވާކަމަށެވެ. އަދި އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއް އެމަނިކުފާނުގެ ސަރުކާރެއްގައި ނޯންނާނެކަމަށާއި، ކުރީގެ ސަރުކާރުތަކުން ކޮރަޕްޝަނަށް ފިޔަވަޅު ނޭޅިނަމަވެސް އެމަނިކުފާނު އެފަދަ ކަންކަމަށް ފިޔަވަޅު އަޅުއްވަން ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ މަޤާމުތަކަށް އެމަނިކުފާނު މީހުން އައްޔަނުކޮށްފައިވަނީ، ވައްކަމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ނޫން ކަމަށެވެ. އަދި މީހުން އައްޔަންކުރަނީ އިޚުލާސްތެރި ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ވުޒާރާތަކަށް މީހުން އައްޔަނުކުރަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ޤަވާއިދާއި ޚިލާފުކަމެއް ކުރާކަށްވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް. އެކަމަށް ހުރަސް އެޅޭގޮތަށް ނޫނީއްޔާ އެނޫންގޮތަކަށް ކަމެއްކުރާކަމަށް ޤަބޫލުކުރެވޭނަމަ އަޅުގަނޑު އެތަނުން، އެމީހަކު ދުރުކުރާނަން ނުވަތަ އެކަން ހުއްޓުވާނަން : ރައީސް

ރައީސް ވަނީ ކޮރަޕްޝަން ބަލައިނުގަންނާނެކަން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނަށް އަންގަވާފައެވެ. އެފަދަ އެއްވެސް ޢަމަލެއް ހިންގައި ނުވަތަ އެފަދަ ކަމަކަށް މަގުފަހިކޮށްދިންކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ހިސާބުން ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.