Article Image

ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައި ބަދަހިކަންދައްކާ އުޚުއްވަތްތެރި ބައެއް: ރައީސް

ދިވެހިންނަކީ ޤައުމަށް ދިމާވާ މުހިންމު ކޮންމެ ޙާލަތެއްގައިވެސް އަބަދުވެސް ބަދަހިކަން އުޚުއްވަތްތެރިކަން ދައްކާ ބައެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ދިވެހީންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ހާލަތެއްގައި އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ، އުޚްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއްކަމަށެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްވެސް ވަނީ ޤައުމަށް ދިމާވާ ދަތިތަކުން އަރައިގަނެ، ޤައުމީ ތަރައްޤީގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބައިވަންތަކަން އިސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މިކަންކަން ޙާސިލުކުރުމަށް ޤައުމީ ރޫޙެއްގައި މަސައްކަތްކުރުންވެސް ވަރަށް މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

2004 ޑިސެންބަރު ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.