Article Image

މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ: ރައީސް

މިއަހަރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ މީލާދީ އައު އަހަރާއި ގުޅިގެން ފޮނުއްވި ޚިޠާބުގައެވެ.

ދިވެހި ދަޢުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދަޢުލަތެއްކަމަށާއި އެއީ ވަކި ލަނޑުދަނޑިތަކެއް ހާސިލުކުރުމަށް ޓަކައި ކަމަށް ރައީސްގެ ޚިޠާބުގައި ވިދާޅުވިއެވެ. އަދި އެއީ ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި، ދިވެހި ޤައުމިއްޔަތު ދިފާޢުކޮށް ކަށަވަރުކުރުމާއި، ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކުރުމުގެ އަމާޒުކަން ފާހަގަކުރެއްވިއެވެ. އެގޮތުން ބޭސްފަރުވާއާއި އާންމު އަސާސީ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ރާއްޖޭގެ ތަފާތު އެކިއެކި ކަންކޮޅުތަކަށް ގެނެވޭ އުމްރާނީ ކުރިއެރުމާއި، ދުސްތޫރީ އިޞްލާޙުތައް ގެނައުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އެކި ރޮނގުރޮނގުން ސިންދަފާތުކޮށް އިޤުތިޞާދު ފުޅާކުރުމުގެ އަމާޒާއިއެކު ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު ތަފްސީލްތައް ހާމަކުރެއްވިއެވެ.

2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ ޢަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައި ކަމަށާއި އެ ގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާން ފެށުން ކަމަށާއި، މަސައްކަތްތެރީންނަށް ފުރުޞަތުތައް ހުޅުވިގެންދިޔުންކަން ފާހަގަކުރެއްވިއެވެ. އެއާއެކު، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެން ފަށާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

އިރާދަކުރެއްވިއްޔާ 2025ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރެވެ. މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތުގެ އަހަރެވެ. އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމުގެ އަހަރެވެ. ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށް ޓަކައި ޒިންމާދާރުކަމާއެކީ ޤައުމު ބިނާކުރުމުގެ އަހަރެވެ. ރައީސް

އާ އަހަރަކީ އަބަދުވެސް ޢަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޤައުމީ ފެންވަރުގައްޔާއި، ޖަމާޢަތުގެ ފެންވަރުގައްޔާއި، ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ ޢަޒުމު ކަނޑައެޅިދާނެ ކަމަށެވެ. އަދި ސަރުކާރުގެ ޢަޒުމަކީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުން ކަމަށާއި، ވަޢުދުތައް ފުއްދާ އިތުބާރު ދެމެހެއްޓުން ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ އަބަދު ވެސް ރައްޔިތުންނާ އެންމެ ގާތުގައިވުމާއި، މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން ކަމަށް ރައީސްގެ ޚިޠާބުގައި ފާހަގަކުރައްވާފައިވެއެވެ.