Article Image

އިތުރު ޑްރެޖަރުތަަކާއެކު ރަސްމާލެ މަޝްރޫޢުގެ ދުވެލި ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ: ރައީސް

ސަރުކާރުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރުތަަައް ގެނެސް، ރަސްމާލެ މަޝްރޫޢުގެ މަސައްކަތުގެ ދުވެލި މިއަހަރު ދެތިންގުނައަށް ހަލުވިކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ކ.ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއެކު މިއަދު ބޭއްވެވި ބައްދަލުުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާތް ﷲގެ އިރާދަފުޅާއެކު "ރަސްމާލެ" މަޝްރޫޢަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢުކަމުގައެވެ. އެގޮތުން އެމަޝްރޫޢުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާއިރު، އިތުރު ފަރާތްތަކާ ގުޅިގެން މަޝްރޫޢު ފުޅާކޮށް، މަސައްކަތުގެ ދުވެލި، ދެތިންގުނައަށް ހަލުވިކުރެވިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ. މަޝްރޫޢު ނިމިގެންދާއިރު މުޅި ރާއްޖެއަށް، އަދި ރަސްމާލެ ހިމެނޭ ސަރަޙައްދަށްވެސް ފައިދާތަކެއް ގެނެސްދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް އިތުރު ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އޭރުން އެއްފަހަރާ ގިނަ ޑްރެޖަރުތައް ބޭނުންކޮށް މަސައްކަތްތައް ފެށި، ބިން ހިއްކުން 2 ގުނަ ނުވަތަ 3 ގުނައަށް އަވަސްކުރެވޭނެ: ރައީސް ޑރ މުޢިއްޒު

2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަށް ހައްދަވާނެ ކަމުގެ ޔަޤީންކަމާއެކު ރައީސް ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ހުރިހާ ސަރަޙައްދެއްގައި ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫޢުތައް ޢަމަލީ ގޮތުން ހިންގައިދޭނެ ފަރާތްތައް ހޯދުމަށް، މި ހިނގާ ޖަނަވަރީ މަހުގެ ތެރޭގައި އިޢުލާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އެކި ފަރާތްތަކާ މަސައްކަތްތައް ޙަވާލު ކުރެވޭ ތަރުތީބުން، މި އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ދާއިރާއިން އެއް އަހަރެއްގެ ތެރޭގައި ޢަމަލީ ގޮތުން އެންމެ ގިނަ މަޝްރޫޢު ހިންގޭނެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިން ހިއްކައި، ޖާގަ އިތުރު ކުރެވިފައި ވާ ރަށްތަކުގައިވެސް ކުރިއަށް ހުރި އަހަރުތަކުގެ ތެރޭގައި މިކަން ހިނގަމުންދާނެ ކަމަށާއި، މާލެ ސަރަޙައްދުގެ މަޝްރޫޢުތައްވެސް އިޢުލާންކުރައްވާފައި ވާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ.