Article Image

ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރައީސް އިފްތިތާޙް ކޮށްދެއްވައިފި

ގދ. ހޯނޑެއްދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް މިއަދު ހުވަދުއަތޮޅުގެ ބައެއްރަށްތަކަށް ފެއްޓެވި މިދަތުރުފުޅުގެ ފުރަތަމަ މަންޒިލަކަށްވީ ގދ. ހޯނޑެއްދޫއެވެ. ހޯނޑެއްދޫގެ ރައްޔިތުންނާއި މުޚަތަބުކުރުމަށް އެރަށު ސްކޫލް ހޯލްގައި ކުރިއަށްދިޔަ ޖަލްސާގައި ރައީސް ވަނީ މިސަރުކާރުން ހޯނޑެއްދޫގައި ފެށި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާ އެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވާފައެވެ. ރައީސް އަރިހުގައި ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިމަޝްރޫޢުއަކީ އިންޑިއާގެ އެކްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގުމުގެ ތެރެއިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ޓްރެވެނީ އިންޖިނީރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ 7 ޖެނުއަރީ 2025 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައީސް ވަނީ ހޯނޑެއްދޫގެ ރައްޔިތުނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރަށުގެ ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކުޅިވަރުގެ ދާއިރާ އާއި، ތަޢުލީމާއި، ސިއްޙީ ދާއިރާއިން ހޯނޑެއްދޫގެ ރައްޔިތުންނަށް ތަރައްޤީ ގެނެސްދެއްވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދަވާނެ ކަމަށާއި ޖުމްލަކޮށް އެމަނިކުފާނު ވެވަޑައިގެންނެވި ހުރިހާ ވަޢުދުތައް ފުއްދަވާދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.