-1736243060664.webp)
ޖެނުއަރީ މަހުގެ ތެރޭގައި ނަޑެއްލާގެ އާ ބަނދަރެއް ހެދުމުގެ މަސައްކަތް އިޢުލާނުކުރާނަން: ރައީސް
ޖެނުއަރީ މަހުގެ ތެރޭގައި ނަޑެއްލާގެ އާ ބަނދަރެއް ހެދުމުގެ މަސައްކަތް އިޢުލާނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ. ނަޑެއްލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިހާރު ފަސްކޮށްފައޮތް ބަޖެޓުގެ ތެރެއިން ނަޑެއްލާއަށް އެންމެ ޚާއްޞަ އިސްކަމެއްދޭނީ އާ ބަނދަރެއް ހަދައިދިނުމާއި، އުދަ އެރުމާއި، ރަށްގިރުމުގެ މައްސަލައަށްވެސް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ މި 2 މައްސަލައަށް ހައްލެއް ލިބުމާއެކު ނަޑެއްލާގެ ތަރައްޤީއަށްޓަކާ ވަރަށްގިނަ ކަންކަމުގަ މަގުފަހިވެގެންދާނެކަމަށާއި، މިމަސްތެރޭގައި ކޮންޓްރެކްޓަރުން ހޯދާ އާ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއާއިއެކު އާ މިސްކިތެއްވެސް ނަޑެއްލާގައި އެޅުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތައުލީމާއި، ޞިއްޙަތާއި، ކުޅިވަރުގެ ދާއިރާއިން ނަޑެއްލާއަށް ވެވަޑައިންނެވި ވައުދުތައް ފުއްދައިދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.