Article Image

ނަޑެއްލާއިން ފުލުހުންގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ހަމަޖައްސަދޭނަން: ރައީސް

ހުވަދުއަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޑެއްލާގެވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ.

މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައްވެސް މި އަހަރު ކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތްވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.