
ރަށްރަށަށް ދިމާވާ ކަރަންޓު ކެނޑުމުގެ މައްސަލަ ރަމަޟާންމަހުގެ ކުރިން ހައްލުކޮށްދޭނަން: ރައީސް
ރަށްރަށުގެ ކަރަންޓު ކެނޑެން ދިމާވާ މައްސަލަތައް، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހައްލު ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވެސް ރަށްރަށުގައި ހުރި ފެނަކައިގެ އިންޖީނުގެތަކަށް ހުރީ ބަދަލުތައް ގެންނަން ޖެހިފައި ކަމަށާއި އެހެންވެ، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު ބޮޑު ހޭދައެއް ކުރިއަސް، އެކަމަށް އެކަށީގެންވާ ދާއިމީ ހައްލެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންނަމަވެސް ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވާ ރަށްރަށަށް މި މުއްދަތުގެ ތެރޭގައި ބަދަލުތައް ގެނެސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ފެނަކަ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއް ވެސް މި މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރުމަަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން: ރައީސް މުޢިއްޒު
ކަރަންޓުގެ މައްސަލަ ހައްލުކުރަން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ދެމަސް ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ރަމަޟާން މަހު ތި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން އެކަން ތި ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެވޭތޯ: ރައީސް
ރައީސް ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހުވަދު އަތޮޅުރަށްތަކަށް ވެވަޑައިންނެވި ވަޢުދުފުޅުތައް ފުއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. ރައީސްގެ ނމި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 9 ވަނަ ދުވަހުއެވެ.