
ވޭތުވެދިޔަ 14 މަސްދުވަހު މަސައްކަތްކުރީ ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށް، ހަމަޖެހުން ނަގާލުމަށް ފުރުސަތު ނުދޭނަން: ރައީސް
ވޭތުވެދިޔަ 14 މަސްދުވަހުވެސް އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ، ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްކަމަށާއި، ހަމަޖެހުން ނަގާލުމުގެ ފުރުޞަތު ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުވަދުއަޅޮތަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިން ހިފާ ހައްޔަރުކޮށް، އަނިޔާ ދިނުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެކަމަށާއި، އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެކަމަށެވެ.
މިއާއިއެކު ތަރައްޤީގެ ނަފާ ރައްޔިތުންނަށް ލިބޭނީ ހަމަޖެހުން އޮވެގެންކަމަށާއި، އެހެންކަމުން ހަމަޖެހުން ނަގާލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް ރައީސް ވަމީ ވިދާޅުވެފައެވެ.
މިޤައުމުގައި ސިޔާސީ ފަރާތްތަކުން އަދި އެނޫންވެސް ބަޔަކަށް މިހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުސަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފިނަމަ އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވާ ޤައުމުގެ ހަމަޖެހުން ޔަގީންކުރާނަން: ރައީސް
ރައީސް ވިދާޅުވީ، ޙަޤީޤީ މާނައިގައި ތަރައްޤީ ގެނައުމަށްޓަކައި ޤައުމުގެ ހަމަޖެހުން ޤާއިމުވެފައި އޮތުމަކީ މުހިއްމުކަމެއްކަމަށެވެ. އެހެންކަމުން ޤައުމުގެ ހަމަޖެހުން ނަގާލުމުގެ ފުރުޞަތު އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށާއި އެފަދަ ކަމެއް ކުރާނަމަ ޤައުމީ ވިސްނުމެއްގައި އެކަމެއް ހުއްޓުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޙަޤީޤީ މާނައިގައި ތަރައްޤީ ކަށަވަރުކުރެވޭނީ ޤައުމުގެ ހަމަޖެހުން ޔަޤީންކުރެވިގެންކަމަށާއި އެކަން ޔަޤީންކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ.