Article Image

4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިޢުލާން ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް : ރައީސް

ބަޔަކަށް ލިބިފައި އޮތް ފްލެޓް އަތުލުމުގެ ވިސްނުންފުޅެއް ނެތް ކަމަށާއި، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު، ރަމަޟާން މަހުގެ ކުރިން އިޢުލާން ކުރެވޭނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން 4،000 ފްލެޓްގެ ކަންތައް ނިންމާ ލިސްޓް އިއުލާން ކުރެވޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވީ ހުވަދު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ގއ. ދެއްވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ނިންމެވުމަށްފަހު، ނޫސްވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިދިޔަ ސަރުކާރުގެ ދައުރުނިމެން ކުޑަދުވަސްކޮޅަކަށް ވެފައިވަނިކޮށް ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކޮށްފައެވެ. ލިސްޓު އާންމު ކުރުމާއި އެކީ ގިނަ ބައެއްގެ ޝަކުވާތަކާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަން ހުއްޓުވާފައެވެ. އަދި މިދިޔަ ސަރުކާރުގެ އެ ވުޒާރާއިންވެސް ވަނީ އޭސީސީގެ އެންގުމާއި އެއްގޮތަށް ފްލެޓް ދޫކުރުން މެދުކަނޑާލާފައިވާކަން ހާމަކޮށްފައެވެ.

އެ މައްސަލަ ތަޙުޤީޤު ކުރުމަށް ފަހު، އޭސީސީން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ދޫކުރި 4،000 ފްލެޓް ދީފައިވާ މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންނަމަވެސް، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ވަނީ އެ ވުޒާރާއަށް ހުއްދަ ދީފައެވެ. މިއާއެކު ފްލެޓްގެ ރީ-އިވެލުއޭޝަންގެ މަސައްކަތްތައް ކަމާ ގުޅުން ހުރި ވުޒާރާތަކުން ދަނީ ކުރަމުންނެވެ.

ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުުރުފުޅުގައި ނޫސްވެރިންނާއި ވާހަަކަދައްކަވަމުން ރައީސް ވިދާޅުވީ، އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ދިޔަ މަސައްކަތްތައް ރިވިއުކޮށް، އެމަނިކުފާނު ވައުދުވެޑައިގެންނެވި ގޮތަށް އެކަން ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އަޅުގަނޑު ވަޢުދުވީ އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް، ގޯއްޗެއް އަޅުގަނޑުމެންނެއް އަތެއް ނުލާނަމޭ، އަބަދުވެސް އޮންނަ ހަމައެއް، ނުޤަވައިދުން މަކަރު ހަދައިގެން، ފޯޖް ޑޮކިއުމެންޓް ލައިގެން މީހަކު ފްލެޓެއް ގޯއްޗެއް ހޯދިއްޔާ، އެ މީހެއްގެ އަތުން ކެންސަލް ވާނެ އެއްޗެކޭ އެއީ، އިސްތިސްނާއެކޭ އެއީ: ރައީސް

ރައީސް ވިދާޅުވީ، އެކަހަލަ ކަންކަން ހިންގާފައި ނޫނިއްޔާ، އޭސީސީން ބެލިބެލުމުގެ ތެރެއިން ގޮސްކޮށް ކަންކަން ކޮށްފައި ހުރި މީހުން ފިޔަވާ އެންމެންނަށް ވައުދުވި ގޮތަށް ފްލެޓްތައް ދޭން ބޭނުންފުޅުވާ ކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި، ވަރަށް ބާރު ސްޕީޑްގައި، އެ ވައުދުވި ގޮތަށް އެކަން ކުރަން މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފަ އޮތީ، މައިގަނޑު އަމާޒަކީ އެ މީހަކަށް ފްލެޓް ނޫނިއްޔާ ގޯތި ލިބުނުތާކުން ދިނުން: ރައީސް