
ރަސްމީ ދަތުރުފުޅެއްގައި ރައީސް ޓެކްނޮލޮޖީގެ "ހަބް" އެސްޓޯނިއާއަށް!
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޕަބްލިކް އޮފް އެސްޓޯނިއާގެ ރައީސް ޑރ. އަލާރ ކާރިސްގެ ދަޢުވަތަކަށް އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅަކީ ޖެނުއަރީ މަހުގެ 13 އިން 16 އަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަރނަންސް ދާއިރާއާއި، މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި، ރާއްޖެއާއި އެސްޓޯނިއާއާ ދެމެދު ސައިންސާއި ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާނެއެވެ.
ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސް ޑރ. ކާރިސްއާއި، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ ލޮރީ ހުސާރާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން އެންޑް ރިސަރޗް، ހަރ އެކްސެލެންސީ ކްރިސްޓީނާ ކަލާސް އާއި، މިނިސްޓަރ އޮފް ކްލައިމެޓް ހަރ އެކްސެލެންސީ ޔޯކޯ އެލެންޑަރ، މިނިސްޓަރ އޮފް ހެލްތް ހަރ އެކްސެލެންސީ ރިއާނާ ސިކުޓް، މިނިސްޓަރ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒް ހަރ އެކްސެލެންސީ ލިސާ-ލީ ޕަކޮސްޓާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޖޮނަޓަންއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެސްޓޯނިއާގެ ސިޓީއެއް ކަމަށްވާ ޓާޓޫއަށް ވެސް ރައީސް ޒިޔާރަތް ކުރައްވާނެ ކަމަށާއި، އެ ސިޓީގެ ޓާޓޫގެ މޭޔަރު އުރުމަސް ކްލާސް ވެސް ރައީސަށް މަރުހަބާ ދެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. ޓާޓޫ އަކީ އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާއިރު، ކްލިނިކަލް މެޑިސިންގެ ދާއިރާއިން ދުނިޔޭގެ އެންމެ ގިނަ އިން ފާހަގަކުރެވޭ ޔުނިވާސިޓީތަކާއި ސައިންޓިފިކް އިންސްޓިޓިއުޓްތައް ހުރެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ޔުނިވަރސިޓީއާއި، އެ ޔުނިވަރސިޓީގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓްތަކާއި، އެސްޓޯނިއަން ޖީނޯމް ޑޭޓާބޭސް ސެންޓަރާއި، ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތަކާއި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އެސްޓޯނިއާ އިން ހޯދާފައިވާ އިނޮވޭޝަންތަކާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ބެހޭ ގޮތުންނެވެ. މީގެ އިތުރުން ޑިޖިޓަލް އެޑްވައިޒަރީ ކައުންސިލުން އެސްޓޯނިއާގެ ރައީސަށް އިންތިޒާމްކޮށްގެން ބާއްވާ ވައްމޭޒު ބައްދަލުވުމުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މި ބައްދަލުވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށްވެއެވެ.
ޑިޖިޓަލް ޕަބްލިކް ސެކްޓާ އާއި ޚިދުމަތުގެ ރޮނގުން ދުނިޔޭގެ އެންމެ ކުރީގައި ހިމެނުނު އެސްޓޯނިއާގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރަކީ ދުނިޔޭގެ ފެންވަރުގައި ތައުރީފު ކުރާ ދަތުރެކެވެ. އެސްޓޯނިއާއަކީ ޑިޖިޓަލް ގަވަރނަންސް އެންޑް އީ-ސަރވިސަސްގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ކުރިއަރާފައިވާ ލީޑަރެކެވެ. މިއީ އީ-ރެސިޑެންސީ ޕްރޮގްރާމާއި، އެޑްވާންސް އީ-ގަވަރނަންސް ޕްލެޓްފޯމްތަކާއި، ޑިޖިޓަލް ސޮލިއުޝަންތައް ޢާންމު ޚިދުމަތުގެ ތެރެއަށް ހުއްޓުމެއްނެތި އިންޓަގްރޭޓްކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ޤައުމެކެވެ.
ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ރައީސް ޑރ.މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ޑިޖިޓަލް އިޤްތިޞާދެއް ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާއިރު، 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތަ ޙިއްޞާކުރުމަށް އަމާޒުހިފާފައިވެއެވެ. މިއީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ފުޅާ ތަޞައްވުރުގެ މައިގަނޑު އަސާސެކެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަން ރޯޑްމެޕާއި ސްޓްރެޓެޖީއެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ޔުނެސްކޯ އާއި އޭއައި ރެޑިނެސް އެސެސްމަންޓް ޓޫލްސް ގުޅިގެން އޭއައި ރެޑީނެސްގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތާއި، ނެޝަނަލް އޭއައި މާސްޓާޕްލޭންގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުالله ޚަލީލާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންގެ އިތުރުން ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ލޯކަލް ޓެކް ކޮމިއުނިޓީގެ އިސްވެރިން ހިމެނޭ އަމިއްލަ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ޑިޖިޓަލް ދާއިރާގައި މަސައްކަތްކުރާ އެސްޓޯނިއާގެ ކުންފުނިތަކާއި އިންސްޓިޓިއުޓްތަކާ ވެސް ބައްދަލުކުރައްވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.