Article Image

ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފި

ދިވެހިރާއްޖޭގައި ޤާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ޤާނޫނު ނަންބަރު 2014/24 (ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ މިއަދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި ނަންބަރު 1/2025 ޤަރާރުންނެވެ.

އެގޮތުން، އެސްއީޒެޑްގައި ހިންގިދާނޭ އިޤްތިޞާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކެވެ.

ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ޤާއިމުކުރުމަށް ހުށަހަޅާ ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެއެވެ. އެއީ:

(ހ) އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.(ށ) ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.(ނ) ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.(ރ) ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީޓީއާ ގުޅޭ ފެސިލިޓީތައް.(ބ) އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.(ޅ) އިޢާދަ ކުރަނިވި ހަކަތައިގެ ދާއިރާ.(ކ) ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.(އ) ފުޑް ސެކިއުރިޓީގެ ދާއިރާ.(ވ) ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.

ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫޢުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ޚާއްޞަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓް ތަކަށް ކަމަށްވެސް ޤަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.