Article Image

ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ދެއްވައިފި

ކޮޅުމަޑުލު ގުރައިދޫ އެއަރޕޯޓުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމުގެ ޔަޤިންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ގުރައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފައްޓަވަމުން، އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅަން ލިބުނު މަދު ވަގުތުކޮޅުގެ ތެރޭގައި، ބަޖެޓުގައި ހިމެނެންހުރި ގިނަ ކަންތައްތައް ހިމަނާފައިވާނެކަމުގައެވެ. އަދި ގުރައިދޫގެ އެއަރޕޯޓްގެ މަސައްކަތަކީ އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތައްކަން ފާހަގަކުރައްވައި، އެމަސައްކަތް ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއަރޕޯޓުގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ އަދި ރައްޔިތުން ހުށަހަޅާފައިވާ އެކިއެކި ކަންކަންވެސް ވަޢުދުވެވަޑައިގެންނެވި ގޮތަށް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތްގޮތުން، އެކަންކަމުގެ ލިސްޓު، އެންމެ އިސްކަންދޭ ކަންކަން ކުރިއަށް ހިމެނޭގޮތަށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ތަރުތީބުކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޙަޤީޤީ މާނައިގައި ދެމެހެއްޓެނިވި ތަރައްޤީ ރައްޔިތުންނަށް ގެނެސްދެއްވުން ކަމުގައެވެ.

މި އަހަރު އެއާޕޯޓު މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަން ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، ހޯދާނަން، ހޯދައި އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން: ރައީސް މުއިއްޒު

އެއީ ގުރައިދޫ މީހުންނަށް ކޮށްދޭނެ ކަމަށް ވަޢުދުވި އެންމެ މުހިންމު ކަންތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުރު ކަންކަން ވެސް އެބަހުރި ކަމަށާއި އެކަންކަން ކުރެވެން އޮތީ ތަރުތީބު ކޮށްލައިގެން ކަމަށެވެ.

ތަރުތީބު ކޮށްގެން އަޅުގަނޑު ދޭ ޔަގީންކަމަކީ އެއާޕޯޓު ވައުދު ގޮތަށް މިރަށުގައި ދެން ކުރަން ހުރި ހުރިހާ ކަމެއް ވެސް ދެން ކޮށްދީ ފުރިހަމަ ކޮށްދޭނެކަން، އެ ޔަގީންކަން ދެން: ރައީސް މުޢިއްޒު

އެ މަނިކުފާނު ވަޢުދުވެވަޑައިގެންނެވީ ގުރައިދޫގައި ބިން ހިއްކައިގެން އެއާޕޯޓެއް ތަރައްޤީކުރާށެވެ. އެއާޕޯޓު މަޝްރޫޢަށް ބިން ހިއްކުމުގައި ގުރައިދޫ ކައިރީގައި އޮތް ގާދިއްފުށީގައި ވެސް ބިން ހިއްކުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.