
ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައެއް ނުވޭ!
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ފަތުރަމުންދާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.
މިކަން ދޮގުކޮށްފައިވަނީ ރައީސް އޮފީހުގެ ތަރުޖަމާނު، ހީނާ ވަލީދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވިދާޅުވީ، ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވާކަމަށެވެ.
މީގެއިތުރުން އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށެވެ.

ދާދިފަހުން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ސަރުކާރުން ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތައް ބްލޮކް ކުރަންއުޅޭކަމަށްބުނެ ދޮގު މަޢުލޫމާތު ފަތުރާފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. އިދިކޮޅު އެމްޑީޕީން މީގެ ކުރިންވެސް ވަނީ ސަރުކާރުން ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމްތައް ބްލޮކްކުރުމަށް މަސައްކަތްކުރަމުންދާކަމަށް ބުނެފައެވެ. ނަމަވެސް ސަރުކާރުން އަބަދުވެސް އަންނަނީ އެކަން ދޮގުކުރަމުންނެވެ.