Article Image

ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމުން ރައީސް ތަޢުޒިޔާ ދަންނަވައިފި

ޝަރުޢީ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ދަންނަވައިފިއެވެ.

ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޖަސްޓިސް (ރިޓަޔަރޑް) އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ އަވަހާރަވުމަކީ، ދިވެހި ޤައުމަށް އަދި ވަކީން ޚާއްޞަކޮށް ރާއްޖޭގެ ޝަރުޢީ ދާއިރާއަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. އަދި ރައީސް ވަނީ މަރުޙޫމް ޝުއައިބުގެ ޚިދުމަތް ފާހަގަކުރައްވާފައެވެ.

އެގޮތުން މަރުޙޫމު ޝުއައިބު އަކީ 23 އަހަރަށް ވުރެ ދިގު މުއްދަތަކަށް، ފަނޑިޔާރު ކަމުގައި ޤައުމަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ދަރިވަރުން ބިނާކުރައްވައި ތަރުބިއްޔަތުކޮށްދެއްވި އެދުރެއްގެ ގޮތުގައިވެސް އެމަނިކުފާނަކީ ޚާއްޞަ ޚިދުމަތްތެރިއެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ މަރުޙޫމް ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ޢާއިލާއަށް ކެތްތެރިކަން މާތްﷲ މިންވަރު ކުރައްވާ އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާފައެވެ.