Article Image

ރައީސްގެ ހއ ދަތުރުފުޅު: އިހަވަންދޫއަށް ގިނަ މަޝްރޫޢުތަކާއެކު އުފާވެރިކަން!

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިހާރު ހއ ގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ އިހަވަންދޫގައި ގިނަ މަޝްރޫޢުތަކެއް ފައްޓަވައިފިއެވެ.

ހއ. އިހަވަންދޫގައި ފެއްޓެވި މަޝްރޫޢުތައް

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ ޚިދުމަތް

  • ޕާސްޕޯޓުގެ ޚިދުމަތް ތައާރަފްކުރުން

  • މޯލްޑިވްސް އިސްލާމިކް ބޭންކުން އިހަވަންދޫގައި އޭ.ޓީ.އެމް ބެހެއްޓުމުގެ މަސައްކަތް

  • ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

  • އިހަވަންދޫ ހުރަވީ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

  • ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅުން

ފިޝަރީޒް ކޮމްޕްލެކްސް ތަރައްޤީކޮށް ނިމި އެތަން ހިނގައިގަތުމުން އިހަވަންދޫގައި 150 ވަޒީފާ އުފެދި، މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ތަރައްޤީވެގެންދާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި މިއަދު ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިހަވަންދޫއަކީ މަސްވެރިކަމުގެ ރަށެއްކަމަށާއި، ބިންގާ އެޅިގެންދިޔަ ފިޝަރީޒް ކޮމްޕްލެކްސްގެ މަޝްރޫޢަކީ ސިނާޢަތުގެ ކުރިމަގަށް މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި، މިއަހަރުގެ މޭމަހު އަމަލީ މަސައްކަތްފެށި، 18 މަސްދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިމަޝްރޫޢުގެ ދަށުން، 1000 ޓަނުގެ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީ، އަދި 50 ޓަނުގެ ބްރައިން ފްރީޒިންގ ކެޕޭސިޓީ ގާއިމްކުރެވިގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މަސްކިރުން ފަސޭހަކުރުމަށްޓަކައި ތިން ޕޮއިންޓަކުން މަސްކިރޭގޮތަށް ޖެޓީއަކާއި ބަނދަރެއްވެސް މި ކޮމްޕްލެކްސްގައި ޤާއިމްކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫޢަކީ ދިވެހިންގެ ފުދުންތެރިކަމަށާއި ތަރައްޤީއަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރިޔާސީ އަމާޒަކީ، ރައްޔިތުންގެ ބޭނުންތަކަށް ޙައްލު ހޯއްދަވައިދެއްވުން ކަމަށާއި ދައުލަތުގެ ހުރިހާ މަސައްކަތްތަކެއް ބައްޓަންވެފައިވަނީ އެ އުސޫލުގެ ދަށުންކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހއ. އިހަވަންދޫގެ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިހާރު އިއުލާންކޮށްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން، ހއ. އިހަވަންދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާއި ހަވާލުކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ އިހަވަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތާއި އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.