Article Image

ހިރިމަރަދޫ ރައްޔިތުން އެދިވަޑައިގަތްގޮތަށް، އެރަށު ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި

ހދ. ހިރިމަރަދޫ ރައްޔިތުންގެ އެދުމުގެ މަތިން އެރަށު ރައްޔިތުން ހދ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް" އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން، ހިރިމަރަދޫ ކައުންސިލުން ސަރުކާރާއެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ. ހިރިމަރަދޫ ކައުންސިލުން މީގެ ކުރިން ވަނީ އެރަށު ރައްޔިތުން ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް ވެސް އެދިފަ އެވެ. އެކަމަށް ތުލުސްދޫ ކައުންސިލުން ވަނީ މަރުހަބާވެސް ކިޔާފައެވެ. އެހެންނަމަވެސް ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް އިޖާބަ ދެއްވާފައެއް ނުވެއެވެ.

ހިރިމަރަދޫ އަކީ ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އާބާދީ އެންމެ ކުޑަ ރަށެވެ. އެންމެ ފަހުން ހެދި ބޯހިމެނުމުން އެނގޭ ގޮތުގައި ރަށުގެ ދިރިއުޅޭ އާބާދީއަކީ 293 އެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރު ހެދި ބޯހިމެނުމުން ދައްކާ ގޮތުގައި ރަށުގައި ދިރިއުޅޭ އާބާދީއަކީ 314 މީހުންނެވެ. ހިރިމަރަދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން ނިންމި އިރު، މ. ރަތްމަންދޫގެ ގިނަ ބަޔަކު ވެސް ވަނީ އެ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދިފަ އެވެ.

ރައީސް ޑރ މުޢިއްޒު ރިޔާސީ ކެމްޕޭނު ތެރޭގައި ވަޢުދު ވެވަޑައިގަތީ ރައްޔިތުން އެދިވަޑައިންނަވާ ނަމަ ކުދި އާބާދީތައް އެއްފަސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.