Article Image

ދިޔަމިގިލި-މެދުފުށި ކޯޒްވޭއަކުން ގުޅާލުމުގެ ވަޢުދު ޙަޤީޤަތަކަށް ހަދާނަން: ރައީސް މުޢިއްޒު

ތ. ދިޔަމިގިއްޔާއި ތ. މެދުފުށި ކޯޒްވޭއަކުން ގުޅާލުމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ޙަޤީޤަތަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު އެމަނިކުފާނު ކޮޅުމަދުލުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމިގިލީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުއްޓިފައިހުރި މަޝްރޫޢުތަކާއި އަދި ކުރިއަށްހުރި ހުރިހާ މަޝްރޫޢެއްވެސް މި ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އެހެންނަމަވެސް މިހާރު ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ އިސްކަންދޭ ތަރުތީބެއް އެކުލަވައިލަންޖެހޭކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

އެގޮތަށް ތަރުތީބުކުރެވުމުން އެރަށުގެ ތަރައްޤީއަށް ހުރި ގިނަ ކަންކަން މިއަހަރުގެ ތެރޭގައިވެސް ފެށޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއާއިއެކު ކޯޒްވޭގެ މަސައްކަތްވެސް ހަޤީޤަތަކަށް ހެދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައްޔިތުންނާއި ހަމައަށް އައިސް ކަންކަން އޮޅުންފިލުވާ މަޝްވަރާ ކުރާ އުސޫލުން ރަށަށް ބޭނުން ގިނަ ތަރައްޤީގެ މަޝްރޫޢުތައް އެބަހުރި، ރަށުގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ތަރައްޤީއަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަންކަމަށް ސަމާލުކަން ދޭނެކަން. އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ނަތީޖާއަކަށްވާނީ މާ ލަސްތަކެއް ނުވެ ރަށްރަށުގައި ކުރަންޖެހޭ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ މިންވަރަށް އާމްދަނީ އިތުރުވެގެން ދިޔުން: ރައީސް މުޢިއްޒު

ދަރަނި ބޮޑުވެ، ކުންފުނިތަކަށް ދައްކަން ހުރި ލޯނުތައް ގިނަ، ގިނަ ރަށްތަކުގައި މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ދެ މަހު އެ ޙާލަތު އޮތުމުން މަސައްކަތްތައް ނުކުރެވިވާކަން ފާހަގަކުރައްވާ ރައީސް ވަނީ މި ދަތި އުނދަގޫ ޙާލަތުން އަރައިގަނެ، ރައްޔިތުންގެ އެއްބާރުލުމާއެކު ނަތީޖާ ޙާޞިލް ވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑަކީ ވަރަށް ބޮޑަށް މިކަހަލަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މީހެއް، ޤައުމު މިއޮތް ދަރަނިވެރި ޙާލަތުން އަރައިގަންނަން އެބަޖެހޭ. އެ ޙަޤީޤަތް ޤަބޫލުކުރަން ޖެހޭ އަދި އެ ޙަޤީޤަތާއެކު ކުރިއަށްދާން އެބަޖެހޭ: ރައީސް މުޢިއްޒު

ރައީސް ވަނީ ރަށްތަކަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.