Article Image

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެއްޓެވި އުންމީދީ ރިޔާސީ ބަޔާން ތާރީޚްގެ ތެރެއަށް!

ރައްޔިތުންގެ މަޖިލީސް މި އަހަރު ފެށުމަށް ބޭއްވި ފުރަތަމަ ޖަލްސާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން މިއަދު ފައްޓަވާ އުންމީދީ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވައިފިއެވެ.

މީގެ ކުރިން، މަޖިލީސް އައު ދައުރަކަށް ހުޅުވުމަށް ބާއްވާ ޖަލްސާތައް ފެށުމުގެ ކުރިން ކީރިތި ޤުރުއާން ކިޔެވުމެއް ނޯވެއެވެ. އެ ޖަލްސާ ތަކުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ކުރިއަށް ގެންދާއިރު، ޖަލްސާ ފަށަނީ އާދައިގެ މަތިން ދުވަހުގެ އެޖެންޑާއިންނެވެ. 

ނަމަވެސް، ރައީސް ޑރ. މުޢިއްޒު ސަރުކާރުގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖްލީހުގައި އިއްވެވި ފުރަތަމަ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ފެއްޓެވީ ކީރިތި ޤުރުއާނުގެ ބަރަކާތުންނެވެ. މިއީ މަޖިލީހުގެ ތާރީޚްގައިވެސް، އައު ދައުރަކަށް މަޖިލިސް ހުޅުވައި، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ބޭއްވި ޖަލްސާއެއް ޤުރުއާނުގެ ބަރަކާތުން ފެށި ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއަދަކީ މަޖިލީހުގެ ތާރީޚްގައިވެސް ފާހަގަކޮށްލަންޖެހޭ ޚާއްސަ ދުވަހަކަށް މިވަނީ ވެފައެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ވަނީ ޖުމްލަކޮށް ފާއިތުވި އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ ތަރައްޤީއާއި ޤައުމު އާރާސްތު ކުރުމަށް ގިނަ ގޮންޖެހުންތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައެވެ. މީގެ ތެރޭގައި ދިވެހިން އެންމެ ބޮޑަށް އެދޭ ގެދޮރުވެރިކަމުގެ މާސްޓާ ޕްލޭންތަކުގެ ތަފްސީލް ވަރަށް ފުރިހަމައަށް ވިދާޅުވެ ދެއްވިއެވެ. އަދި ދިވެހި ރާއްޖޭގެ މިނިވަންކަމާ އިސްތިޤުލާލު ޙިމާޔަތް ކުރުމުގެ ގޮތުން ކުރެވުނު ކަންކަމާ ރޭވިފައިވާ ކަންކަން އެމަނިކުފާނު ތަފްސީލް ކޮށްދެއްވިއެވެ. އަދި ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކުރެއްވުނު މުހިންމު ކަންކަމާއި ކުރިއަށް ރޭވިފައިވާ ކަންކަމަށް އަލި އަޅުއްވާލެއްވިއެވެ. ޖުމްލަ ގޮތެއްގައި 2025 ވަނަ އަހަށް ރޭވި ތަރުތީބު ކުރެވިފައިވާ ތަރައްޤީގެ އެންމެހާ ކަންކަމުގެ ތަފްސީލުވެސް މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ ފަލަޞްޠީނުގެ ޙައްޤުގައި އަޑު އުފުއްލަވާފައެވެ. އެގޮތުން ޣައްޒާ ނެތިކޮށްލުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ގޮވާލާ ގޮވައިލެއްވުމަށް ރައްދު ދެއްވާ ޣައްޒާ އަކީ ފަލަޞްޠީނުގެ މިލްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މިއަދުގެ އުންމީދީ ރިޔާސީ ބަޔާނަށްފަހު ގިނަބަޔަކު ދަނީ ރައީސް އަށް ތަޢުރީފް ކުރައްވަމުންނެވެ.