Article Image

ރިޔާސީ ބަޔާން 2025: ގެދޮރުވެރިކަމަށް ވަށާ ޖެހޭ ހައްލެއް!

މިއަހަރުގެ ރިޔާސީ ބަޔާނުގައި ގެދޮރުވެރިކަމަށް އޮތް ވަށާ ޖެހޭ ހައްލު ރައީސް ތަފްޞީލް ކޮށްދެއްވައިފިއެވެ.

ރައީސްގެ ރިޔާސީ ބަޔާނުގައި ގެދޮރުވެރިކަމަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރޭން ވަކިން ޚާއްޞަކޮށް ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރޭން އެ މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަ ކަމަށެވެ. އަދި އެމަނިކުފާނު ޤަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި މި އޮތް ބޯހިޔާވަހިކަން ނެތުމުގެ ހިތާމަވެރި މައްސަލައަކީ ބޮޑު ޤައުމީ މައްސަލައެއް ކަން ފާހަގަކުރެއްވިއެވެ.

މިއާއިއެކު ރައީސް ވަނީ މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވަފައެވެ. އެގޮތުން ދަޢުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ މިފަހަރު ކަނޑައެޅުއްވި ކަމަށާއި، އެއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް ގެދޮރުވެރިކަމުގެ މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓުކަން ރައީސް ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމަކީ ދިވެހި ރައްޔިތުންގެ އަސާސީ ޙައްޤުތަކުގެ ތެރޭން ވަކިން ޚާއްޞަކޮށް ދިރިއުޅުމުގެ ދަތިތަކާއި ވޭންތަކުގެ ތެރޭން އަޅުގަނޑު އެ މައްސަލައެއް ހައްލުކޮށްދޭން އެންމެ އިސްކަންދޭ މައްސަލަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި މި އޮތް ބޯހިޔާވަހިކަން ނެތުމުގެ ހިތާމަވެރި މައްސަލައަކީ ބޮޑު ޤައުމީ މައްސަލައެއް. އެހެންކަމުން ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ މިފަހަރު އަޅުގަނޑު ކަނޑައެޅިން. އެއީ ރާއްޖޭގެ މުޅި ތާރީޚުގައި ވެސް މި މައްސަލައަށް ކަނޑައެޅުނު އެންމެ ބޮޑު ބަޖެޓު: ރައީސް

ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް ރައީސް މުޢިއްޒު ވެ ވަޑާއިގެންނެވި ވަޢުދުގައި 58 ރަށެއް ހިމެނޭކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ބ. އޭދަފުށީގައި1000 ހައުސިންގ ޔުނިޓް އެޅުމަށް މިހާރު ކޮންޓްރެކްޓަރަކާއެކު ސޮއި ކުރެވިފައިވާނެ ކަމަށާއި، ބާކީ 57 ރަށުގައިހައުސިންގ ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރުވާނީ އިޢުލާނު ކުރެވިފައި ކަމާއި، އަދި މާލެ ފިޔަވައި އެހެން ރަށްރަށުގައި މިއަހަރު 12،940 ޔުނިޓްއެޅުމުގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައި ވާކަމަށެވެ.

މީގެ ތެރެއިން ބޮޑު ބައެއް ޢިމާރާތް ކުރުމަށް ރާވާފައިވަނީ އާބާދީ ބޮޑު އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރުޞަތު އޮތްރަށްރަށުގައި ކަމަށާއި، އެގޮތުން ކުޅުދުއްފުށި ސިޓީގައި 2000 ޔުނިޓް، އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1100 ޔުނިޓް، ހދ. ހަނިމާދޫ، ރ. އުނގޫފާރު، ކ. ތުލުސްދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، ފުވައްމުލައް ސިޓީ މިއިން ކޮންމެ ރަށެއްގައި 500 ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާން ކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި އިތުރު 22 ރަށެއްގައި 100 ޔުނިޓަށްވުރެ އިތުރަށް ޢިމާރާތްކުރުމަށް ވަނީ ޢިއުލާންކޮށްފައި ކަމާއި ، އަދި 100 ޔުނިޓަށް ވުރެ މަދުން ޢިމާރާތް ކުރުމަށް 20 ރަށެއްވަނީ ޢިއުލާންކޮށްފައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، މި ހުރިހާ ރަށެއްގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށިގެންދިއުން ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑީ ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެސިޓީގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މާލެއަކީ މުޅި ދުނިޔޭގައިވެސް އެންމެ ބައިބޯ ވެރިކަންކުރާ އެއް ސިޓީ ކަމަށާއި، ވޭތުވެދިޔަ މާޒީގައި މި މައްސަލަ އެކަށީގެންވާ ވަރާ ގާތަށްވެސް ހައްލުކުރުމަށް ސަމާލުކަންދީފައި ނުވާކަމީ ފެންނަންއޮތް ހަޤީގަތެއް ކަމަށެވެ. ވުމާއެކު މި މައްސަލައަށް ފުރިހަމަ ދާއިމީ ޙައްލެއް ގެނައުމަކީ، އިޖްތިމާޢީ ރޮނގުން އެމަނިކުފާނުގެ އެންމެ ބޮޑު އެންމެ މުހިންމު ޒިންމާ އަދި ވާޖިބުކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުން ނިންމާފައިވަނީ މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅު، އަދި އުތުރުތިލަފަޅާއި، ފުށިދިއްގަރު ފަޅުން މާލެ ރައްޔިތުންނަށާއި، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރިއަށްގެންދަން ކަމުގައި ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތައް ފުރިހަމަވެގެންދާއިރު މާލެ ސަރަޙައްދުގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ދާއިމީ ބޯހިޔާވަހިކަން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މިގޮތުން ބަލާއިރު، މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. މިކަމުގައި ގިނަ ގޮންޖެހުންތަކެއް ދިމާވިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މިއަހަރު ބިންހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުން.ގުޅިފަޅަކީ މާލޭގެ އެތައް ރައްޔިތުންނެއްގެ އުއްމީދާ ގުޅިފައިވާތަނެއް. އެތަނުގައި އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް. ހަމަ އެއާއެކު އެ ތަނުގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމާއި މަގުހެދުމަށް މިހާރު ވާނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރެވިފަ. މާތްاللهގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ. ހަމައެގޮތަށް ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ. މީގެ އިތުރުން ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެންދާނެ. އަދި ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާބިމުން ގޯތިލިބިފައިވާ ފަރާތްތަކަށް އެގޯތީގެ ރެޖިސްޓްރީ ބިން ހިއްކާ ނިމެމުންދާހާ އަވަހަކަށް ހަވާލުކޮށް ނިންމާނެ ކަމުގައި ދަންނަވަން: ރައީސް

މީގެއިތުރުން އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް މިއަހަރު ފެށުމަށް މަސައްކަތްތައް ކުރެވެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ފެށިގެން ދާނެ ކަމަށާއި، ހަމަ އެއާއެކު އުތުރުތިލަފަޅާއި، ގިރާވަރު އަދި ތިލަފުށި ގުޅުވައިދޭ ބްރިޖުގެ ޢަމަލީ މަސައްކަތް މިއަންނަ އަހަރު ފެށުމަށް ފައިނޭންސް ހަމަޖެއްސުމަށާއި، އެހެނިހެން ފަންނީ، އަދި އިދާރީ މަސައްކަތް މިހާރު ކުރެވެމުން ދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިއާއިއެކު މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫޢުތައް ފެށިގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.