Article Image

ދަޢުލަތަށް 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، ޙަސަން ޝަކީލް އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ދަންނަވައިފި

މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދަޢުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، ޙަސަން ޝަކީލް އަވަހާރަވުމުން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ދަންނަވައިފިއެވެ.

މަރުޙޫމް ޙަސަން ޝަކީލްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަސްވެރިކަމާއި، ކަނޑުތަކާ ބެހޭ ދިރާސާތައް ކުރެއްވުމުގައި ދަޢުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި 40 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، މުޙައްމަދު ޝަކީލް އަވަހާރަވުމަކީ، އެ ދާއިރާއިން ޤައުމަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެެއް ކަމަށެވެ.

ރައީސް ވިދާޅުވީ މަރްޙޫމް ޙަސަން ޝަކީލަކީ، މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށެވެ. އަވަހާރަވި އިރުވެސް އެމަނިކުފާނު ހުންނެވީ މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ޤައުމީ ޚިދުމަތުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި ވަނީ މަރްޙޫމް ޙަސަން ޝަކީލް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވާ ޝަކީލްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.