
ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް ދަތިކަމެއްނެތި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެގޮތާއިއެކު، ޑޮލަރު ލިމިޓު 1500 އަށް ބޮޑުކޮށްދިނުމަށް ރައީސް އަންގަވައިފި
ރަމަޟާންމަހު ޢުމްރާއަށްދާ ފަރާތްތަކަށް ދަތިކަމެއްނެތި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެގޮތާއިއެކު، ޑޮލަރު ލިމިޓު 1500 އަށް ބޮޑުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާއިބެހޭ ފަރާތްތަކަށް އަންގަވައިފިއެވެ.
މިކަމާއި ގުޅިގެން ސޯޝަލްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 1446 ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ދަންނަވާފައިވާ ކަމަށެވެ.
މީގެެއިތުރުން ސަރުކާރުން ވަނީ ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑުތަކުން ޑޮލަރު ލިބޭ މިންވަރު ބޮޑުކުރަން ނިންމާފައެވެ. ސަރުކާރުން މިކަން ނިންމެވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ކުރިން ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ލިބެނީ 750 ޑޮލަރެވެ. ބީއެމްއެލް އިން ބުނީ، ރަޖިސްޓަރވުމުން ޑެބިޑް ކާޑުގެ ލިމިޓު 1،200 ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށާއި އެކަން އެނގޭނެ ނޮޓިފިކޭޝަނެއް މޯބައިލް އެޕްލިކޭޝަނަށް އަންނާނެކަމަށެވެ.
މިސަރުކާރަށް 1 އަހަރުވެގެން ބޭއްވި ޖަލްސާގައި 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޭންކް ކާޑުގެ ޑޮލަރު ލިމިޓް 1400 އަށް އަދި ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް 1000 ޑޮލަރު ބޭންކް ރޭޓްގައި ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެ ވަޑައިގެންފައެވެ.
ރައީސް މީގެކުރިންވެސް ވިދާޅުވީ، ޑޮލަރުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިންގެ ބޮލަކަށް ބޭންކަށް މާރުކުރަން ޖެހޭ ގޮތަށް އިސްލާހުކުރި ޤަވާއިދާއެކު، ޑޮލަރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބެގެންދާނެ ކަމަށް ވިދާޅުވި އެވެ.