
ރައީސްގެ ވަޢުދާ އެއްގޮތަށް އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށް ރޯދަ އެލަވެންސް ދިނުމަށް އިޞްލާހު ހުށައަޅައިފި
ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ޤާނޫނު އަސާސީއަށް އިޞްލާހު ހުށައަޅުއްވައިފިއެވެ.
އ.ތ.މ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ޤާނޫނަށް އިސްލާހު ހުށައެޅުއްވީ މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރުއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި އިސްލާހުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ %5 ޚާއްސަކުރަންޖެހޭނީ އ.ތ.މ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން، މި އިސްލާހާއެކު އެ ފައިސާގެ ތެރެއިން ފުރަތަމަ ދެ ކުއާޓަރުގައި ހިންގަން ރާވާފައިވާ ކަންކަމަށް ބޭނުންވާ ފައިސާ، ކައުންސިލަށް ފައިސާ ލިބޭތާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއާ ހަވާލުކުރަންޖެހޭއިރު، ބާކީ ފައިސާ ހަވާލުކުރަންޖެހޭނީ އެލްޖީއޭއިން ހަދާ ޤަވާއިދެއްގެ ތެރެއިންކަމަށް އިސްލާހުގައިވެއެވެ.
އަންނަ ރަމަޟާންމަހުން ފެށިގެން އ.ތ.މ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އ.ތ.މ ކޮމެޓީގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށްވެސް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައިވެއެވެ.
ރައީސްގެ އެ ވަޢުދާ އެއްގޮތަށް، ޤާނޫނަށް ހުށައަޅާފައިވާ އިޞްލާހަށް އަމަލުކުރަން ފެށުމުން، އަންނަ ރަމަޟާންމަހުގެ އިނާޔަތް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ލިބިވަޑައިގަންނަވާނެއެވެ.
އަންހެނުންނަކީ ކޮންމެ ރަށެއްގެވެސް ރަށު ތަރައްޤީއަށް އެންމެ ހަރަކާތްތެރިކޮށް މަސައްކަތްކުރާ ފަރާތްތައް ކަމަށްވާއިރު، އެކަމުގެ އަގުވަޒަންކުރައްވަން ބޭނުންފުޅުވާކަމުގައި ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެކަމުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށާއި އަންހެނުންނާއި ފިރިހެނުންނަކީ ހަމަހަމަކަމާ އެކީގައި، އެއް ހައިސިއްޔަތެއް ލިބިގެން، ރަށުގެ އަދި ޤައުމުގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހެދުމަކީ އެ މަނިކުފާނުގެ ވިސްނުންފުޅެއް ކަމަށާއި އެކަމަކީ ސަރުކާރުން ގެންގުޅުއްވާނެ ސިޔާސަތެއް ކަމުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވެއެވެ.