
މާލެސިޓީ ކައުންސިލްގެ ދަށުގައިވާ ސަލްޓަންޕާކާއި، ރަސްފަންނު ވީރާނާވަމުންދާތީ އެކަން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި!
މާލެސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަންޕާކާއި، ރަސްފަންނު ވީރާނާވަމުން ދިއުމުގެ ކަންބޮޑުވުމާއެކު މިކަން މިސަރުކާރުން ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރަސްމީ މަސައްކަތުން އަވަދިވެ ނުރަސްމީ ގަޑީގައި މިއަދު ހެނދުނު އެމަނިކުފާނުގެ އާއިލާއާއި އެކު ރަސްފަންނަށް ވަޑައިންނެވުމުން އެތަނުގެ ޙާލަތު ފެނިވަޑައިގެންނެވުމުން ކަމަށް ބެލެވެއެވެ.
ސޯޝަލްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަސްފަންނާއި ސަލްޓަންޕާކް ގެ ޙާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށެވެ. އަދި އެ ދެ ތަންވެސް ދަނީ ވީރާނާވަމުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ދެތަނަކީވެސް ތޮއްޖެހިފައިވާ މާލޭގައި، ރައްޔިތުންނަށް ނުހަނު ހިތްހަމަޖެހުމާއި އުފާ ލިއްބައިދޭ ދެތަން ކަމަށެވެ.
އެހެންކަމުން ރަސްފަންނާއި، ސަލްޓަންޕާކުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ޚާއްސަ މަސަައްކަތްތަކެއް ކުރާނެކަމުގެ ޔަޤީންކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.