
ރަމަޟާން މަހު ތަކެތީގެ އަގު އުފުލޭނަމަ ސަރުކާރުން އަގު ހިފަހައްޓަން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވައިފި
ކުރިއަށް އޮތް ރަމަޟާން މަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދޭނެ ކަމަށާއި، ރަމަޟާން މަހު ތަކެތީގެ އަގު އުފުލޭނަމަ ސަރުކާރުން އަގު ހިފަހައްޓަން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ދެއްވައިފިއެވެ.
ރާއްޖޭގައި، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު %3 އަށްވުރެ ދަށުގައި މިހާރުވެސް މެނޭޖްކުރެވެމުންދާ ކަމަށާއި ކުރިއަށް އޮތް ރަމަޟާން މަހުވެސް ތަކެތީގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށް ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ އަހާ ފޯރަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ސަރުކާރުން ވަރަށް ރަނގަޅަށް ތަކެތީގެ އަގު މެނޭޖްކުރެއްވި ކަމަށާއި އެކަން ކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަށް ޚާއްސަ ކޮމިޓީއެއް އުފައްދަވައި ކުރެއްވި މަސައްކަތްޕުޅުން ކަމަށެވެ. އެހެންވެ މިއަހަރުވެސް ރަމަޟާން މަހު އެގޮތަށް އަގުތައް މެނޭޖް ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަގު ބާޒާރުގައި ބޮޑުވެއްޖެނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތު އެއޮތީ އެކުލަވާލާފައި. އެއީ އެއްވާހަކަ. އެއާ ގުޅުންހުރި އަނެއް ވާހަކައަކީ، އެއީ ކިތައް އައިޓަމްތޯ. 183 އައިޓަމްގެ މައްޗަށް އެކުލެވިގެންވާ ލިސްޓެއް އެއީ. އޭގެ ތެރެއިން 54 ބާވަތް ރަމަަޟާން މަހަށް ޚާއްސަކޮށްގެން އަޅުގަނޑުމެން އިންނާނެ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި ކަނޑައަޅާފައި: ވަޒީރު ސަޢީދު
ވަޒީރު ސަޢީދު ވިދާޅުވީ ރަމަޟާން މަހު އެއްވެސް އެއްޗެއްގެ އަގު ބޮޑުވާނަމަ ސަރުކާރުން އެކަމާ ގުޅިގެން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ފިޔާވެސް އެސްޓީއޯ މެދުވެރިކޮށް ޝިޕްމަންޓްތައް ގެންނަމުން އެދަނީ. އަގުހެޔޮ ކުރާނެ. އެއްތަނަކުން ނުލިބިއްޖެއްޔާ އެހެން ތަނަކުންވެސް ގެންނާނެ. މާނައަކީ އެއް ޤައުމުން ނުލިބިއްޖެއްޔާ އެހެން ޤައުމަކުންވެސް ގެންނާނެ، ކަނޑުމަގުން ނުގެނެވޭ ކަމަށްވަންޏާ އެއަރ ފްރައިޓްކޮށްވެސް އިރާދަކުރެއްވިއްޔާ ގެންނާނެ. އަޅުގަނޑުމެންގެ ޓާގެޓަކީ އެއްޗެއްގެ އަގު ބޮޑުވާ މައްސަލަ އައިއްސި ކަމަށްވަންޏާ އިމީޑިއެޓްލީ އެއަށް އެޓެންޑްވުން. ވަޒީރު ސަޢީދު
ރަމަޟާން މަހާ ގުޅިގެން ތަކެތީގެ އަގު އުފުލުނަ ނުދިނުމަށް ވިޔަފާރިތަކުންވެސް މަސައްކަތް ކުރުމަށް ވަޒީރު ސަޢީދު ވަނީ އެދިވަޑައިގަންނަވާފައެވެ. މީގެ ސަބަބުން ވިޔަފާރިވެރިންނަށް ދަތިތަކާ ދިމާވާނަމަ އެކަން ސަރުކާރާ ހިއްސާކުރެއްވުމަށްވެސް ވަޒީރު މުހައްމަދު ސަޢީދު ވަނީ އެދިވަޑައިގަންނަވާފައެވެ.