Article Image

މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ރައީސް ވިދާޅުވެއްޖެ

މިސަރުކާރުން މަސައްކަތްކުރަމުން ދަނީ މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ދ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ދ.މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މި ހަފްތާ ނިމުމުގެ ކުރިން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރޯދަމަހުގެ އިނާޔަތް ޖަމާކޮށްދެއްވުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގަވާފައިވާކަމަށްވެސް ވިދާޅުވެފައެވެ.

އަޅުގަނޑު މިރޭ މަރުހަބާ ދަންނަވާލަން ބޭނުން ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް. ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް އަޅުގަނޑު ވައުދުވީ ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސައިދޭނަމޭ. ޤާނޫނީ ހުރަސްތަކެއް ހުރީމަ މަޖިލިސް ތެރެއިން އެކަން ކޮށްދޭނަމޭ. އެކަން ހަމަޖައްސައިދީ މިހާރު އެދަނީ ޑަބްލިޔުޑީސީތަކުގެ މެމްބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ޖަމާވަމުން: ރައީސް

މިއާއިއެކު އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތްތަނުގައި އިތުރު ފަންނުތަކުގެ ބޭފުޅުންނަށްވެސް ރޯދަމަހުގެ އިނާޔަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށްކަމަށާއި، އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމަށްޓަކާ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މަސްވެރިންގެ އިތުރުން ދެން ހުރި ފަންނުތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށްވެސް ރޯދަ އިނާޔަތް ލިބެންޖެހޭކަމަށެވެ. އަދި އެކަންކަމަށް ވާސިލުވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަސްވެރިންގެ ދަފްތަރުގައި ޖެހިގެން މިއަހަރުގެ ތެރޭގައި ބޭންކިން ނިޒާމުން ލޯނު ނެގުމާއި އެސްޓީއޯގެ ކްރެޑިޓް ސްކީމުން އެހީތެރިކަން ލިބުން ފަދަ ކަންކަން ފަހިވެގެންދާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.