Article Image

މެޑިކަލް މާފިޔާއަށް ފުރުޞަތެއް ނެތް، އޭޕްރީލް 15އިން ފެށިގެން އެއްވެސް ދައްޗެއްނެތި ހުރިހާ ބޭހެއް ލިބޭނެ: ރައީސް

މި އަހަރުގެ އޭޕްރީލް މަހުގެ 15އިން ފެށިގެން ހުރިހާ ބޭހެއް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެންފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ދ. މީދޫ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު ނުދެއްވާނެކަން ފާހަގަކުރަައްވާ ރައީސް ވިދާޅުވީ މިދޭތެރެއިން ބޭސް ލިބުން ދަތިވީ، ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި އެކަމާއި ގުޅުންހުރި ވިޔަފާރިވެރިން ބޭސް އެތެރެކުރުން ހުއްޓާލުމުންކަމަށެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަކަމަށާޢި، އެއްހާސް ނުވަތަ ދެހާސް އިންސައްތަ ފައިދާ ރައްޔިތުންގެ ޓެކްސް ފައިސާއިން އާސަންދަ ތެރެއިން ބޭހުގެ ވިޔަފާރިކުރާ އެތައްބަޔަކު ދިޔައީ ނަގަމުންކަމަށާއި، އެއީ ބޮޑު އިސްރާފެއްކަމަށެވެ. އެހެންކަމުން ސަރުކާރުން އެޅި ފިަޔަވަޅަކީ އެކަން ހުއްޓުވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އެންމެ ޒަރޫރީ ބޭސްތަކުގެ އިތުރުން އެހެން ހުރިހާ ބޭހެއްވެސް 15 އޭޕްރީލް އިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެ ތާރީޚުން ފެށިގެން ބޭހުގެ ދަތިކަމެއް ނާންނާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ މައްސަލަ ހައްލުކުރުމަށް ފިނޭންސްއިން މިހާރު ޚާއްސަ އެހީތެެރިކަމެއް ދީގެން މިހާރު އެސްޓީއޯއިން އެދަނީ ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތްކުރަމުން. އެހެންވީމަ މެޑިކަލް މާފިޔާއަށް، ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދޭނަން. އަޅުގަނޑުމެން 15 މާރިޗާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ: ރައީސް

ރައީސް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުން ސަރުކާރަށް އުނދަގޫކުރުމަށް އެކުރި މަސައްކަތް އެއްކޮށް ހައްލުކޮށްދެއްވާނެ ކަމަށެވެ.

އެހެންވީމަ ޕްރައިވެޓް ސެކްޓަރއިން އުނދަގޫކުރުމަށް މިކުރި މަސައްކަތް އެއްކޮށް އަޅުގަނޑުމެން ހައްލުކުރާނަން. އެމީހުން މިހުރިހާ ދުވަހު އާސަންދައިން އެތައް ސަތޭކަ 1000، 2000 ޕަސެންޓު ފައިދާ ރައްޔިތުންގެ ފައިސާއިން ޑްރޭންކުރަމުންދިޔައީ. ފެނިވަޑައިގަންވާނެ ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާލާ މީހާވެސް އަހަރުނުވާނެ ބޮޑެތި މަސްދޯނިތައް ބަންނާނެ. މިއީ ހަގީގަތް. އެކަން ހުއްޓުވާލީމަ މައްސަލަޖެހުނީ. ސަރުކާރުން ބޭސް ގެނައުމުގައި ނޫން. ރައްޔިތުންގެ ހެވާއި ލާބަޔަށް އެ އިސްރާފު ހުއްޓުވީ: ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ބޭހުގެ އިސްރާފު ހުއްޓުވައި އެފައިސާއިން ތަރައްޤީއަށް ހޭދަކުރަމުން އަންނަކަމަށެވެ. އެގޮތުން 500 މިލިޔަން ރުފިޔާ ބޭހުގެ އިސްރާފުން ސަލާމަތްކޮށް އެތައް މަޝްރޫޢެއް ހިންގޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެންމެ އާދައިގެ ރައްޔިތުންނާއި އާންމު ރައްޔިތުންނާއި މުއްސަނދި ރައްޔިތުންވެސް ހަމަހަމަކަމަށާއި، އެއީ އަދުލުވެރި ވެރިކަމެއްކުރުމަށްކަމަށާއި އެއީ އެމަނިކުފާނަށް އޮތް ޒިންމާއެއްކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.