Article Image

ގުޅިފަޅުން ގޯތި ލިބުނު ރައްޔިތުންނަށް ދެމަސްތެރޭގައި ރަޖިސްޓްރީ ހަވާލުކުރާނަން: ރައީސް

ގުޅިފަޅުން ގޯތި ދީފައިވާ ރައްޔިތުންނަށް ކުރިއަށް އޮތް ދެމަސް ދުވަހުގެތެރޭގައި ގޯތިދީ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ގުޅިފަޅުން ގޯތި ލިބުނު އެތައް ހާސް ރައްޔިތުން ތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހިއްކާފައިވާ ސަރަޙައްދުންނާއި އަދި ނުހިއްކާ ސަރަޙައްދުންވެސް ކުރީ ސަރުކާރުން ގޯތި ދިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން މިހާރު ބަދަލުގެނެސްފައިވާކަމަށެވެ.

ކުރިއަށް އޮތް ދެތިން މަސްތެރޭ ގުޅިފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ހަވާލު ކުރައްވާނެކަމަށާއި، ރަޖިސްޓްރީ ނުދެވޭނީ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަޙައްދުން ގޯތި ލިބުނު ރައްޔިތުންނަށް އެކަނިކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށްވެސް މިހާރު ހިކިފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައ ހިއްކާފައި އޮތް ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިަހމަވެގެންދާނެ:ރައީސް

މީގެ އިތުރުން ރައީސް ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސްފައިވާނީ ހޮސްޕިޓަލާއި އެނޫންވެސް ވަސީލަތްތައް ޤާއިމްކުރާގޮތަށްކަމަށެވެ.