
މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަޤާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން: ރައީސް
އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވީހިނދު، އަންހެނުންގެ ޙައްޤުތައް އެންމެ ހެޔޮގޮތުގައި ކަނޑައަޅައިދީ، މުޖުމަތަމަޢުގައި އަންހެނުންގެ ޤަދަރާއި ޢިއްޒަތާއި މަގާމު މަތިވެރިކޮށްދިނީ މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު، ދިވެހި ލޮބުވެތި އެންމެހައި އުޚްތުންނަށް އަރިސްކުރަައްވާ ރައީސް ވިދާޅުވީ ދިވެހި އަންހެނުންނަކީ، ދިވެހި އުންމަތް ސިލްމާ ސަލާމަތުގައި އެތައް ހާސް އަހަރަކު ދެމެހެއްޓި ދަރިކޮޅުތަކުގެ މަންމައިން ކަމަށާއި، އަނބީންގެ ގޮތުގައި އަދި ދައްތައިންނާއި ބޮޑުދައިތައިންގެ ގޮތުގައި ދިވެހި ޢާއިލާތަކަށް އޯގާތެރިކަމާއެކު ހޭހަންކުރާ މަދަދުގާރުން ކަމަށެވެ.
ކީރިތި ރަސޫލާ މުޙައްމަދު ﷺ ގެ އަނބިއަނބިކަނބަލުންގެ ބައެއް ޚިދުމަތްފުޅުތައްވެސް، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ކީރިތި ނަބިއްޔާ ﷺ އިސްލާމީ ރިސާލަތާއިގެން ފޮނުއްވުނީ، އަންހެން ދަރީންނަކީ ބަދުނަސީބެއްކަމުގައި ދެކި، ދިރިތިއްބައި އަންހެން ދަރީން ވަޅުލަމުން ދިޔަ އަނދިރި ޒަމާނެއްގައެވެ. އިސްލާމްދީން ވަނީ، އަންހެނުންގެ ފުރާނައާއި ދިރިތިބުމުގެ ޙައްޤު ޙިމާޔަތްކޮށްދީ، ވާރުތަ މުދަލުން ބައި ލިބިދީ، އުނގެނުމާއި މަސައްކަތްކުރުމުގެ ޙައްޤު ފުރިހަމައަށް ހޯދައިދީފައެވެ. އިންސާނާ އެންމެ ހެޔޮކޮށް ހިތައި އޯގާތެރިވާން ޖެހޭނެ އެއްވަނަ މީހަކީވެސް، ދެވަނަ މީހަކީވެސް، ތިންވަނަ މީހަކީވެސް އޭނާގެ މަންމަކަމުގައި މުޅި އިންސާނިއްޔަތަށް އިރުޝާދު ދެއްވީ މާތް ރަސޫލާ ﷺ އެވެ. އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމުގެ ކުރީން އެންމެ ފަހަށް ވަޞިއްޔަތްޕުޅު ކުރެއްވި އެއްކަމަކީ، އަނބީންނަށް އޯގާތެރިވުމެވެ. ނަބީކަމުގެ މަތިވެރި އިލާހީ ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވިއިރު، ހުރިހާ ހިތްވަރަކާއި އެހީތެރިކަމެއް ދެއްވަން އަރިހުގައި ހުންނެވީ މުއުމިނުތަކުންގެ މައިކަމަނާ ޚަދީޖަތުގެފާނެވެ. އެކަލޭގެފާނުގެ ރިވެތި ދިރިއުޅުއްވުމާއި، އިސްލާމްދީނުގެ ޙުކުމްތައް ސާފުކޮށް މުޅި އުންމަތަށް ބަޔާންކޮށް ދެއްވުމުގައި މުއުމިނުތަކުންގެ މައިކަމަނާ ޢާއިޝަތުގެފާނު އަދާކުރައްވާފައިވާ ދައުރު ނުހަނު މަތިވެރިއެވެ. ކީރިތި ޤުރްއާނުގައި މަރްޔަމްގެފާނުގެ ކެތްތެރިކަމާއި، އާސިޔަތުގެފާނުގެ އީމާންތެރިކަމުގެ ރިވެތި މިސާލު، ތާރީފުގެ ބަސްފުޅުތަކާއެކު ވަޙީކުރައްވައިފައިވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ތާރީޚު ފޮތްތައް ބުނާ ގޮތުގައި، ތަޢުލީމު އުނގަންނައިދޭ އެންމެ ފުރަތަމަ ޖާމިޢާ ނުވަތަ ޔުނިވަރސިޓީ، "ޖާމިޢުލް ޤަރްވިއްޔީން"ގެ ނަމުގައި މީލާދީން 859 ވަނަ އަހަރު ބިނާކުރެއްވީ މުސްލިމް އަންހެން ބޭކަނބަލެއް ކަމުގައިވާ ފާޠިމާ ބިންތު މުޙައްމަދުލް ފިހްރީއެވެ. -ރައީސްގެ ޚިޠާބުން-
މީގެއިތުރުން ދިވެހި އުންމަތުގެ ތަރައްޤީއާއި ތަމައްދުނަށްޓަކައި މިހާތަނަށް ކުރެވުނު ކާމިޔާބު ކޮންމެ މަސައްކަތެއްގައިވެސް ދިވެހި އަންހެނުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ވަނީ ލިބިފައި ކަމަށާއި ދިވެހި އަންހެން ދަރީންނަށްޓަކައި ދިވެހި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.