
ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޤުރުއާން އަދި މަދަޙަ މުބާރާތެއް ފަށައިފި
ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންނާ މުވައްޒަފުންނަށް އަމާޒުކޮށްގެން ޤުރުއާން މުބާރާތަކާއި މަދަޙަ މުބާރާތެއް ފަށައިފިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤުރްއާން ބާވައިލެއްވި ބަރަކާތްތެރި ރަމަޟާންމަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫޙް އާލާކުރުން ކަމަށާއި، މަދަޙަ މުބާރާތުގެ މަޤްޞަދަކީ ރަމަޟާންމަހު ކުދިންނާއި މުވައްޒަފުންގެ ހިތުގައި ދީނީ ރޫޙު އާލާކޮށް، ދީނަށް ކުރާ ލޯބި އިތުރުކުރުމަށް ބާރުއެޅުން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޤުރުއާން މުބާރާތް ކުރިއަށް ދާނީ، 5 އަހަރާއި 7 އަހަރާ ދެމެދާއި، 7 އަހަރާއި 10 އަހަރާ ދެމެދާއި 10 އަހަރާ 13 އަހަރާ ދެމެދާއި، 13 އަހަރުން މަތި، އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީއާއި، މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 6 ކެޓަގަރީއަކަށެވެ.
މަދަޙަ މުބާރާތް ކުރިއަށް ދާނީ، 6 އަހަރާއި 9 އަހަރާ ދެމެދާއި، 10 އަހަރާއި 14 އަހަރާ ދެމެދާއި، 14 އަހަރުން މަތި، އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކެޓަގަރީއާއި، މުވައްޒަފުންގެ ބައި ހިމެނޭހެން ޖުމްލަ 5 ކެޓަގަރީއަކަށެވެ.
މިގޮތުން ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.