Article Image

ދިގު މާޒީގައި ތ.އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެންނާނަން: ރައީސް

ދިގު މާޒީގައި ތ. އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ތ. ކަނޑޫދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސް ކުރަން ހުރި މަސައްކަތްތައް ތަރުތީބު ކުރުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.

ކަނޑޫދޫ ރައްޔިތުންނަށް ހުރި ދަތިތަކުގެ ވާހަކަ ކައުންސިލުން ފާހަގަކޮށްފައިވާ ކަމަށާއި، އަދި އެއީ ޝަކުވާ ކުރުން ނޫން ކަމަށާއި ރައްޔިތުން ވެރިޔަކު ހޮވަނީ ރައްޔިތުން ބޭނުންވާ ތަރައްޤީގެ މަޝްރޫއުތައް ހިންގާ، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބަނދަރުގައި ކުދި އުޅަނދުތަކަށް ޖާގަ ހެދުމާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް ހައްދަވައިދެއްވުމަށް ކައުންސިލް ރައީސް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ވަނީ މި ދަތުރުފުޅަށްފަހު، ހުއްޓިފައި އޮތް އެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ދަތުރަށްފަހު ގޮސް، ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮށް، ހޮސްޕިޓަލް ނިމިގެންދާނީ ލެބޯޓްރީއަކާއެކު. އެކަން ވެސް ވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫއުތަކުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ އަޅުގަނޑު ކުރިން ވެސް ފާހަގަކޮށްފައިވާނެ. ކުންފުނިތައް ވަރަށް ބޮޑަށް އޮތީ މިސްމެނޭޖްކޮށްފައި. ނަރުދަމާއި އާއި ބަނދަރުގައި އުޅަނދުފަހަރުތަކަށް ވަކި ޖެޓީއެއް ކަނޑޫދޫގައި ހަދައިދޭނަން. ޖުމްލަކޮށް ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތައް އަޅުގަނޑު ގެނެސްދޭނަން: ރައީސް މުޢިއްޒު

މީގެ އިތުރުން ރައީސް ވިދާޅުވީ ތަރައްޤީގެ ސަފުގައި ކުރިއަރައިގެންދާނެ ރަށަކަށް ކަނޑޫދޫ ހައްދަވާދެއްވާނެ ކަމަށާއި ރައްޔިތުން އެދޭ އަމާޒަށް ރައްޔިތުން ބޭނުންވާ މިންވަރަށް ކަންތައްތައް ކޮށްދެއްވާނެ ކަމަށެވެ. އަދި ތެލެސީމިއާ އަށް ފަރުވާއަށް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެފަދަ ކުދިންނާއި އާއިލާތަކަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށާއި، މުޅި އިޤްތިސާދުގެ ތެރެއަށް އަންނަ ދިރުމުގެ ތެރެއިން ޓޫރިޒަމް ފުޅާކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޖުމްލަކޮށް ކަނޑޫދޫ ރައްޔިތުންގެ މާޔޫސްކަން ނިމުމަކަށް ގެނެސް، މި ސަރުކާރުން އެ ރައްޔިތުންނަށް ހިނިތުންވުން ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުއިއްޒު ވަނީ ކަނޑޫދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.