Article Image

ރައީސް މުޢިއްޒުގެ ދަރިކަލުންނަށް އެމްޑީޕީ މުޒާހަރާގައި ފުރައްސާރަކުރުން އެޗްއާރުސީއެމުން ކުށްވެރިކޮށްފި

އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ، އެޗްއާރުސީއެމުން އެކަން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް އަދި މަޖްލިސް މެންބަރު މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕު މަނާކުރި ސަބަބާއި ގުޅުވާ ދޮގުވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ވޭޕާއި ގުޅުވާ ދޮގު ވާހަކަތަކެއް އޭނާވަނީ ދައްކާފައެވެ. އަދި އަނބިކަނބަލުން މެޑަމް ސާޖިދާއަށްވެސް އޭނާ ވަނީ ތަކުރާރުކޮށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.

އެކަމާ ގުޅޭގޮތުން އެޗްއާރުސީއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭ އެމްޑީޕީން ކުރި މުޒާހަރާގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ގިތަކަށް މުހާތަބުކޮށް ވާހަކަދައްކާފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. މިގޮތަށް ކުޑަކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ވާހަކަދައްކާފައިވުމަކީ ހިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެންވާނެ ކަމެއްނޫންކަމަށާއި، އެކަން ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

އެޗްއާރުސީއެމުން ވަނީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ. އަދި ކުޑަކުދިންނަކީ ހާއްސަ ރައްކާތެރިކަމެއް ޤާނޫނު އަސާސީ އާއި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، ކުޑަކުދިންގެ ހަައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުއާހަދާއިން ލިބިދީފައިވާ ބަޔަކަށް ވީހިނދު، އެކުދިންގެ ކަރާމަތާއި އަބުރަށް އުނިކަން ލިބޭފަދަ ގޮތަކަށް ސީދާގޮތުންވެސް އަދި ނުސީދާގޮތުންވެސް އެއްވެސް ފަރާތަކުން އަމަލު ނުކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

"ޤާނޫނު އަސާސީން  ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމުގައި އެކަކު އަނެކާގެ ހައްޤުތަކަށް އުނިކަން ނުލިބޭނެ ފަދަ ގޮތަކަށް ޒިންމާދާރުކަމާއެކު ހައްޤުގެ ބޭނުންކުރުމަށް އިލްތިމާސްކުރަން" އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

އެމްޑީޕީ މުޒާހަރާގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައިވެސް އޭނާއަށް ވަރަށްގިނަ ބަޔަކު ގެންދަނީ ފާޑުކިޔަމުންނެވެ.