Article Image

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފަށް އެމްޑީޕީ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާއި ގުޅުވާ ދޮގުވާހަކަ ފެތުރުން އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކޮށްފި

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ޚިލާފަށް އިދިކޮޅު އެމްޑީޕީ މުޒާހަރާގައި ރައީސް ޑރ މުޢިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގުވާހަކަ ފެތުރުން އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް އަދި މަޖްލިސް މެންބަރު މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕު މަނާކުރި ސަބަބާއި ގުޅުވާ ދޮގުވާހަކަތަކެއް ދައްކާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ވޭޕާއި ގުޅުވާ ދޮގު ވާހަކަތަކެއް އޭނާވަނީ ދައްކާފައެވެ. އަދި އަނބިކަނބަލުން މެޑަމް ސާޖިދާއަށްވެސް އޭނާ ވަނީ ތަކުރާރުކޮށް ފުރައްސާރަކޮށް ވާހަކަ ދައްކާފައެވެ.

މިކަމާއި ގުޅިގެން އީސީން ނެރުނު ބަޔާނުގައި ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން މާލޭގައި މި ދުވަސްވަރު ހިންގަމުން ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައިވެސް ޤާނޫނު ނަންބަރު 2013/1 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ޢަމަލުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކުރާކަމަށެވެ. ޚާއްޞަކޮށް ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭގޮތަށް ސާބިތުނުހިފޭ ވާހަކަ ދެއްކުމާއި އެކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާފަދަ ވާހަކަތައް ދެއްކުން، އެ ކޮމިޝަނުން ކުށްވެރިކުރާކަމަށް ބަޔާނުގައި ވެއެވެ.

ހަމައެހެންމެ، ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ އެންމެހާ ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދާއިރު ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިއުމާއި، ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށްވެސް އީސީން ވަނީ އިލްތިމާސްކޮށް ނަސޭޙަތްތެރިވެފައެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުޙަބާ ކިޔާނެކަމަށް ބުނެފައިވެއެވެ.

ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) އިން ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައިވަނީ ޤާނޫނުއަސާސީއާއި ސީޔާސީ ޕާޓީގެ ޤާނޫނާއި ގަވާއިދާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ކަމަށް، ސިޔާސީ ޕާޓީތަކަށް އީސީން ވަނީ ހަނދާންކޮށްދީފައެވެ.