Article Image

މާލީ ދާއިރާއަށް ރައީސް މުޢިއްޒު ގެންނަވަން ނިންމާފައިވާ އިސްލާޙުތަކަށް އައިއެމްއެފްގެ ތަޢުރީފް

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ދިވެހި ރާއްޖޭގެ މާލީ ދާއިރާ އަށް ގެންނަން މަސައްކަތްކުރާ އިސްލާހުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މަރުޙަބާ ކިޔައިިފިއެވެ.

މި އަހަރުގެ ޖެނުއަރީ ތިނަކުން ފެބްރުއަރީ ހަޔަކަށް ރާއްޖެ ޒިޔާރަތްކުރެއްވި އައިއެމްއެފްގެ ޚާއްޞަ ވަފުދަކުން ވަނީ ރާއްޖޭގެ އެކި ދާއިރާތަކަށް ބައްދަލު ކުރުމަށްފަހު އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް އެއް ނެރެފައެވެ.

އައިއެމްއެފް ގެ އިކޮނޮމިކް ޑިވްލޮޕްމަންޓް އައުޓްލުކް ގައި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަށް މަރުޙަބާ ކިޔާފައިވެއެވެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދު މިހާރު ވެއްޓިފައިވާ ވަޅުގަނޑަކަށް ވެއްޓުމުގެ އަސްލު ކަމަށްވާ ފައިސާ ޗާޕު ކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުމެވެ.

ރިޕޯޓުގައި ބުނީ، ބޭރުގެ އަދި ޖުމްލަ ދަރަނީގެ ދަތިކަމުގެ ނުރައްކާ ބޮޑު ކަމަށެވެ. ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ޤައުމެއް ކަން ފާހަގަކޮށް، ފެންބޮޑުވުމާއި ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑެތި ޚަރަދުތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އާ އެކު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުވަމުން އަންނައިރު 2022 ވަނަ އަހަރު އިޤްތިޞާދު 13.9 ޕަސެންޓް ކުރިއަރާފައިވާ ކަަމަށާއި، ހުސްވި 2023 ވަނަ އަހަރު 4.4 ޕަސެންޓް ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އައިއެމްއެފްގެ ރިޕޯޓުގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާއިރު ރައީސް މުޢިއްޒު އިޢުލާނުކުރެއްވި ވެލާނާ އެއާޕޯޓް މަޝްރޫޢުއާއިއެކު އެއާޕޯޓު ތަރައްޤީވެގެން ދިޔުމުން ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.