Article Image

މިއަހަރު ޙައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހާ ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެ: ރައީސް

މިއަހަރު ޙައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހާ ފަރާތްތަކަށް މިއަހަރު ޙައްޖަށް ދެވޭނެ ކަމުގެ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަޤީންކަން ދެއްވީ މިރޭ ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ 2025 ގައި ޙައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް އިރާދަކުރެއްވިއްޔާ މިއަހަރު ޙައްޖަށް ދެވޭނެ ކަމަށާއި، އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ޙައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދޭގޮތަށް ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ބަދަލުގެންނެވުމަށް އެމަނިކުފާނު ނިންމެވީ މިދިޔަ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާ އެއްގޮތަށް ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުޞޫލު އިސްލާހުކޮށް އާންމުކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.

މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ޙައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.