
ބަރަކާތްތެރި ފިޠުރުޢީދަށް ރާއްޖެ ދިއްލައިލުމަށް ސަރުކާރު ތައްޔާރު!
މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުގެ ބަރަކާތްތެރި ފިޠުރުޢީދަށްވެސް ރާއްޖެ ދިއްލައިލުމަށް ތައްޔާރުވުމުގެ މަސައްކަތް ސަރުކާރުގެ ބައެއް ކުންފުނިތަކާއި، ކައުންސިލްތަކުގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފައްޓައިފިއެވެ.
މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ޢީދު ލައިޓްތައް ދިއްލިގެންދާނެ ކަމަށާ، އަދި ސަރުކާރުގެ ކުންފުނިތަކާ ގުޅިގެން މި ޢީދުގައި ވަރަށް ޚާއްޞަ ޙަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ޢީދަށް ދިއްލުމުގެ ޙަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެއްޓެވި ޙަރަކާތެކެވެ. "ޢީދުއަލި" ނަމުގައި މީގެ 2 އަހަރުކުރިން މާލެސިޓީ ދިއްލާލުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުން "ޢީދުއަލި" ބަލަން މާލެސިޓީއަށް މީހުން ޒިޔާރަތްކުރިއެވެ. އެކަމަށް ބޮޑު ތަރުޙީބެއްލިބިގެން ދިޔައެވެ.
އޭގެފަހުން ވެރިކަމަށް ރައީސް މުޢިއްޒު ވަޑައިގެންނެވުމާއެކު، މުޅި ރާއްޖެ ދިއްލުމުގެ ޙަރަކާތް ފެށިގެން ދިޔައެވެ. އަދި މި ދިއްލުން ވެގެން ދިޔައީ ކުޑަކުދިންނާއި، ޒުވާނުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ޙަރަކާތަކަށް ވާތީ، މި ދިޔަ އަހަރު ދިއްލި ރަށްތަކާއި، ސިޓީތަކުގެ އިތުރުން މި އަހަރު އިތުރު 36 ރަށަކަށް ޢީދުލައިޓްތައް ފޮނުވަން ވަނީ ހަމަޖެހިފައެވެ.
މާލޭސިޓީގައި ޢީދުލައިޓްތައް ޖެހުމުގެ މަސައްކަތް ވަރަށް ފޯރީގައި މިހާރު ފެށިގެން ކުރިއަށްދާއިރު، މި ކަމުގައި ސްޓެލްކޯއާއި، ސަރުކާރުގެ ބައެއް ކުންފުނިތަކާއި، އެޗްޑީސީއާއި އަދި މާލޭސިޓީ ކައުންސިލުން ބައިވެރިވެއެވެ.
މި އަހަރު އަލަށް ދިއްލާ 36 ރަށާއެކު ޖުމްލަ 65 ރަށެއް މި އަހަރު ފިޠުރުޢީދުގައި ދިއްލައިލެވިގެންދާނެއެވެ. އަލަށް ދިއްލޭ 36 ރަށަށް ފޮނުވާ ލައިޓްތަކާއި، ސްޕީކަރުތައް މި މަހުގެ 24 ވަނަ ދުވަހު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ދިއްލުމުގެ ޙަރާކާތު ކޮމިޓީން މަޢުލޫމާތު ދެއްވިއެވެ.
މި އަހަރު "ޢީދު އަލި" ދިއްލުމުގެ ބޮޑު އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓްގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.