Article Image

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ޙާފިޡުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ރައީސުލްޖުމްހޫރިއްޔާ ހަވާލުކޮށްދެއްވާފައިވެއެވެ.

މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. ހަމައެއާއެކު ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.

ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.

ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރްއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދެއެވެ. އަދި މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ޚާއްޞަ މުބާރާތެއްވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.