Article Image

މި ރާއްޖޭގަ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން: ރައީސް މުޢިއްޒު

މި ރާއްޖޭގަ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ޔަޤީންކަން ދެއްވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށް ގެންދަވާ ސިލްސިލާ "ރައީސްގެ ޖަވާބު" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މިއަދު ޖަވާބު ދެއްވާފައިވަނީ ހުޅުމާލެ، ފުލެޓް ނަންބަރު 21308، އަޙްމަދު ޝަރީފް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމުގެ ކަންކަން ހިނގަމުންދާގޮތާއި މެދު ދެންނެވި ސުވާލަކަށެވެ.

އަހުމަދު ޝަރީފް ކުރެއްވި ސުވާލަކީ ވަރަށް މުހިންމު ސުވާލެއްކަން ފާހަގކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ހަމަ އެންމެ ބޮޑަށް އޮޅުންފިލުވަން ބޭނުން ވާނެ މައްސަލަ އަކީ ރާއްޖޭގަ ތިބި ބޭރު ސިފައިންގެ ކަންތަކުގަ ކުރިޔަށް ގެންދަނީ ކިހިނެއްތޯ ބެލުން ކަމަށެވެ.

މިއާއިއެކު ރައީސް ވިދާޅުވީ އެންމެ އިސް ޒިންމާއެއް ގޮތުގަ ދެކޭ ކަމަކީ, ރާއްޖޭގަ އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެކަން ޔަޤީން ކުރުން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގަ ތިބި އިންޑިޔާގެ މިލިޓްރީ ސިފައިން ރާއްޖޭން ގެންދިޔުމައް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އެމަނިކުފާނު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފައްޓަވާފައިވާކަން ފާހަގަކުރެއްވިއެވެ.

އާދެ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ, އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއެއް ގޮތުގަ ދެކޭ ކަމަކީ, ރާއްޖޭގަ އެއްވެސް ޤއުމެއްގެ ސިފައިން ނުތިބޭނެކަން ޔަޤީން ކުރުން. އެހެންވީމަ މިހާރު ރާއްޖޭގަ ތިބި އިންޑިޔާގެ މިލިޓްރީ ސިފައިން ރާއްޖޭން ގެންދިޔުމައް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް އަޅުގަނޑު ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހު ރަސްމީކޮށް ފަށައިފިން: ރައީސް މުޢިއްޒު

އެ މަސައްކަތްތަކާއި ގުޅޭ މަޝްވަރަތައް ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ މަތިން ކުރިއަށް ދާކަމަށާއި، މިހާރު ގޮސްފައިވާ ހިސާބުން މި މާޗް މަހު, މި ފެށޭ މާޗްމަހުގެ ދިހަވަނަ ދުވަހާ ހަމަޔަށް ދާއިރު އެ ޕްލެޓްފޯމުގެ ސިފައިން ގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މެއި މަހުގެ ދިހައެއްގެ ކުރިން, ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އަނބުރާ ގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ރައީސް ވިދާޅުވީ އެ މައްސައްކަތް މިހިސާބައް ގެންދެވެނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އަދި މިކަން ކާމިޔާބު ކުރެވުމަކީ ލިބިގެންދާނެ ބޮޑު ކާމިޔާބީއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދެން ކުރަންފަށާނެ އެންމެ މުހިންމު މަސައްކަތަކީ ދިވެހީންގެ އަމިއްލަ ޤާބިލިއްޔަތު އިތުރުކުރުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

މީ ޙަޤީޤަތުގަ އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކާމިޔާބީ އަކަށް ވާނެ. އޭގެ އިތުރުން ދެން ކުރެވޭ ކަމަކީ އަޅުގަނޑުމެންގެ އަމިއްލަ ޤާބިލިއްޔަތު އިތުރުކުރުމައް ކުރެވޭ މަސައްކަތް. އަޅުގަނޑުމެންގެ އަމިއްލަ ޤާބިލުކަން މެޑިކަލް އިވެކުއޭޟަންއާ, އެމަޖެންސީކޮށް ބަލިމީހުން އުފުލުމައްޓަކައި މިދަނީ ޤާއިމް ކުރަމުން. އެއާ އެމްބިއުލާންސްގެ ޚިދުމަތް އިރާދުކުރެއްވިއްޔާ މާޗްމަހުގެ އެއްވަނަ ދުވަހު ފަށާނަން: ރައީސް މުޢިއްޒު

މިއާއިއެކު ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަކީ ވަރަށް ބޮޑު ސަރަޙައްދެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އެ ބޮޑު ސަރަޙައްދު ދިވެހިން އަމިއްލަޔަށް ބެލެހެއްޓުމަށްޓަކައި ޤާބިލުކަން ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ދަނީ ބާރު ސްޕީޑުގަ ކުރިޔަށް ކަމަށެވެ.

ހަމަ އެޔާ އެކީގަ, ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯނަކީ ވަރަށް ބޮޑު ސަރަހައްދެއް. އެ ބޮޑު ސަރަހައްދު އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އަމިއްލަޔަށް ބެލެހެއްޓުމަށްޓަކައި ގާބިލުކަން ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ދަނީ ބާރު ސްޕީޑުގަ ކުރިޔަށް: ރައީސް މުޢިއްޒު

މީގެ އިތުރުން ކުރަންޖެހޭ ހުރިހާ ސަވޭލެންސް މަސައްކަތަކަށް އުޅޭ ހުރިހާ މަސައްކަތެއްވެސް ބާރުމިނުގަ ކުރިއަށް ދާކަމަށާއި، އެހެންވީމަ ޤާބިލުކަން ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ރޭވުންތެރި ކަމާއެކު މަޝްވަރާގެ އުސޫލުން ކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ މި ރާއްޖޭގަ އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނެ ކަމުގެ ޔަޤިންކަން ރައީސް ދެއްވިއެވެ.

ރައްޔިތުންނަށް ޔަޤީންކަން އަޅުގަނޑު މިދެނީ، މި ރާއްޖޭގަ އެއްވެސް ޤައުމެއްގެ ސިފައިންނެއް ނުތިބޭ ހިސާބަށް ވަރަށް އަވަހަށް ގެންގޮސްދޭނަން: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ސުވާލުތަކަށް ކޮންމެ ދުވަހަކުވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން އެމަނިކުފާނު ޖަވާބުދެއްވަމުން ގެންދަވާނެއެވެ. ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލަށް ދެއްވާ ޖަވާބު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ މީސްމީޑިއާ މަންސަތަކުން ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ހިއްސާކުރަމުން ގެންދާނެއެވެ.